ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށް ދިމިޝްގު ހިފުމުން ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކޮށް ފިއްލަވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ސީރިއާގެ ހަނގުރާމަވެރިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި މުހިންމު އެތައް ސިޓީއެއް ހިފައިފަ އެވެ. އެގޮތުން ރޭގެ ވަގުތެއްގައި ހިމްސް ސިޓީ ހިފާފައިވާކަން އިއުލާން ކުރި އިރު، ހަނގުރާމަވެރިން ދިމިޝްގަށް ވަނީ މިއަދު ހެނދުނެވެ.
ހަނގުރާމަވެރިން ދިމިޝްގަށް ވަނުމުން އަސްކަރިއްޔާ އިން ވަނީ ދެކޮޅުވެރިކަމެއް ނުދައްކައި، މަގާމު ދޫކޮށްލައިފަ އެވެ. އަދި ބައްޝާރުލް އަސަދުގެ ސަރުކާރުގެ ހިމާޔަތަށް ދިމިޝްގު ބޭރުގައި ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ ހިޒްބުﷲގެ ހަނގުރާމަވެރިން ވެސް އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
ހަނގުރާމަވެރިން ވަނީ ސީރިއާގެ ޕަބްލިކް ރޭޑިއޯ އަދި ޓީވީގެ އިތުރުން އެއާޕޯޓު އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. ހަނގުރާމަވެރިން ދިމިޝްގު ހިފުމުން މިހާރު އުމުރުން 59 އަހަރުގެ ބައްޝާރު ގައުމު ދޫކޮށް ވަޑައިގެން ނަމަވެސް އޭނާ ވަޑައިގަތީ ކޮންތާކަށް ކަމެއް ނޭނގެ އެވެ.
ހަނގުރާމަވެރިން ދިމިޝްގު ހިފުމުން 24 އަހަރު ވަންދެން ސީރިއާގެ ވެރިކަމުގައި ހުންނެވި ބައްޝާރު އާއި އޭނާގެ އާއިލާގެ 54 އަހަރުވީ ވެރިކަން މިވަނީ ނިމުމަކަށް އައިސްފަ އެވެ. ބައްޝާރު ވެރިކަމަށް ވަޑައިގަތީ 14 މާޗް 1971 އިން ފެށިގެން ވެރިކަމުގައި ހުންނެވި ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން އޭނާ އެކަނި ވާދަކުރެއްވި އިންތިހާބެއްގައި 10 ޖުލައި 2000ގަ އެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާހިލީ ހަނގުރާމައަށް 13 އަހަރު ވެފައިވާއިރު، އެ ހަނގުރާމައިގައި މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފަ އެވެ.

ގުޅުންހުރި
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި