މަޝްރޫއުތައް މި އަހަރު ނުހިންގުނީ މިދިޔަ ސަރުކާރުން ފާސްކުރި ބަޖެޓާ ހެދި: ރައީސް

މި އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ މިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ބަޖެޓެއް ތަންފީޒު ކުރަން ޖެހުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރަށް ފާސްކުރި ބަޖެޓަކީ އޭރު އޮތް ރައްޔިތުންގެ މަޖިލީހުން މި ސަރުކާރަށް ޖެއްސުމަށް ފާސްކުރި ބަޖެޓެއް ކަމަށެވެ. އެގޮތުން އެ ބަޖެޓުގައި މަޝްރޫއުތަކަށް ކަނޑައަޅާފައި އޮތް ފައިސާގެ އަދަދުތަކަކީ އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް ޖަހާފައިވާ އަދަދުތަކެއް ނޫން ކަމަށެވެ.

”ސަރުކާރަށް މި އަހަރުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކަށްވީ ސިޔާސީ ވިސްނުމެއްގައި، މި ސަރުކާރަށް އުދަނގޫ ކުރުމަށްޓަކައި އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓު،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރަން ފަށާނީ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ތިއްބެވި ރައްޔިތުންގެ މަޖިލީހަކުން ފާސްކުރި ބަޖެޓެއް ކަމަށެވެ.

”2025 އަދި 2026 ވަނަ އަހަރު ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިނގާ ދެ އަހަރަށް. 2025 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް. އަދި 2026 އަހަރު. މި ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން، ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވައުދެއް … ތަރުތީބެއްގެ ތެރެއިން އަމަލީ މަސައްކަތް ފަށައި އަދި އެކި މަޝްރޫއުތައް ނިމެމުންވެސް ދާނެ،“ ރައީސް ވިދާޅުވި އެވެ.