އިންތިހާބުތަކާ ދިމާކޮށް ކުރީ ސަރުކާރުން ވަނީ 1،900 ކުށްވެރިން ދޫކޮށްލާފައި: ރައީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

އިންތިހާބުތަކާ ދިމާކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 1،900 ގައިދީން މިނިވަންކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި 2022 ވަނަ އަހަރު 256 ކުށްވެރިއަކު މިނިވަންކޮށްފައިވާ ކަމަށެވެ. އަދި 2023 ގައި ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް 429 ކުށްވެރިން، ކައުންސިލް އިންތިހާބާ ދިމާކޮށް 458 ކުށްވެރިން އަދި މަޖިލިސް އިންތިހާބާ ދިމާކޮށް 762 ކުށްވެރިއަކު ދޫކޮށްލި ކަމަށްވެސް ވިދާޅުވި އެވެ.

”އެކި އިންތިހާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބްލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާތަން [ކުރިން ފެނުނު]. އޭގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީ ހިނގާ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކްލެމެންސީގެ ތެރެއިން މި ސަރުކާރުން މިހާތަނަށް ދޫކޮށްލާފައިވަނީ 86 ކުށްވެރިން ކަމަށާއި އޭގެ ތެރެއިން އެއްވެސް ކުށްވެރިއަކު ސިޔާސީ ފައިދާއަކަށް ދޫކޮށްލާފައި ނުވާނެ ކަމަށެވެ.

އަދި ގައިދީންނަށް ރިހެބްލިޓޭޝަނާއި ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވެވޭ ގޮތް ހަދައި އެ މީހުންނަކީ ޖަލުން ނުކުންނައިރު މުޖުތަމައަށް ބޭނުންވާ މަސައްކަތްތަކެއް ދަސްވެފައި ބަޔަކަށް ހެދުމަށް ކެބިނެޓުން ނިންމާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.