ޑިސެމްބަރ 12, 2024

މަތީ ސާނަވީއަށް ކިޔަވައިދޭ އިސްލާމް ޓީޗަރުންނަށް އިސްލާމިކް ފައިނޭންސްއާ ގުޅޭ ސެޝަނެއް

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި މަތީ ސާނަވީއަށް ކިޔަވައިދޭ އިސްލާމް ޓީޗަރުންނަށް އަމާޒުކޮށްގެން އެމްއެމްއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ގުޅިގެން ސެޝަނެއް ބާއްވައިފި އެވެ.

”ޕްރެކްޓިކަލް އިންސައިޓްސް: އިސްލާމިކް ފައިނޭންސް ފޯ އެޑިއުކޭޓާސް“ ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަންގެ މަގުސަދަކީ އެމްއެމްއޭ އިން ބުނި ގޮތުގައި ކިޔަވައިދިނުމުގައި ރާއްޖޭގެ ކޮންޓެކްސްޓަށް ގުޅޭނޭހެން އަދި މިހާރު ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ފޯރުކޮށްދެމުން އަންނަ އިންސްޓިޓިއުޝަންތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާ ކަންތައްތައް ޓީޗަރުންނަށް ކިޔައިދީ އެ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސާ ގުޅޭ އެންމެ ފަހުގެ އަދި ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ސެޝަންގައި އެމްއެމްއޭގެ އިތުރުން، މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް، އެޗްޑީއެފްސީ، އަމާނާ ތަކާފުލް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަޔާދީ ތަކާފުލް އިން ބައިވެރިވެ މައުލޫމާތު ދިނެވެ.

އަދި ސެޝަންގައި ދަރިވަރުންގެ ފަރާތުން އިސްލާމިކް ފައިނޭންސިންއާ ގުޅޭ ގޮތުން އަމާޒުވާ ސުވާލުތަކަށް މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ. އަދި އިސްލާމިކް ބޭންކިން އާއި ކޮންވެންޝަނަލް ބޭންކިން އަދި އިންޝުއަރެންސް އަދި ތަކާފުލްގެ ތަފާތު ކިޔައިދީ އަމަލީ ގޮތުން ރާއްޖޭގައި އެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތްތައްވެސް ޓީޗަރުންނަށް ކިޔައިދިން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެ ސެޝަންގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށާއި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަންވީ އިސްލާމިކް ފައިނޭންސަށް ހޭލުންތެރިކަން އިތުރުކުރަން ކަމަށެވެ. އެގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް މި މައުލޫމާތު އެނގުން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

”ދަރިވަރުންނަށް އިސްލާމިކް ފައިނޭންސިން އެނގުން ވަރަށް މުހިންމު. މާދަމާގެ ޖީލަށް އިސްލާމިކް ފައިނޭންސިން އަޅުގަނޑުމެން ކިޔައިދޭންވީ. އިސްލާމިކް ފައިނޭންސިންގެ ސިފަތައް އެނގި އޭގެ ރަނގަޅުކަން ދަރިވަރުންނަށް ދަސްވެގެން އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއަރާނީ“ ގަވަރުނަރު ވިދާޅުވި އެވެ.