ޑިސެމްބަރ 12, 2024

މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ގައުމީ ވާޖިބެއް: ރައީސް

މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަތުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާ އެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.

”އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި ،ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާ އެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެކެވެ،“ ރައީސް ވިދާޅުވި އެވެ.ކޮ

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިކަމުގެ ދުވަހުގެ ގޮތުގަ އެވެ.

މަސްވެރިންގެ މިހާރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކިރާ މަހަށް ވާ ފައިސާ ލިބުން ލަސްވުމެވެ. ނަމަވެސް އެކަންބޮޑުވުން މިހާރު ހައްލުވެފައިވާ ކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ރައީސް އިއްޔެ ކ. ގާފަރަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށާނެ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް މިހާރު ހުސްކުރެވިފައި ވާތީ، ބީއެމްއެލްގައި އެކައުންޓު ހުރި ކޮންމެ މަސްވެރިއަކަށް އެ އުސޫލުން ދެން ފައިސާ ޖަމާކުރާނެ އެވެ. އަދި އެމްއައިބީގައި އެކައުންޓް ގެންގުޅޭ މަސްވެރިންނަށް ވެސް އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.