ޑިސެމްބަރ 12, 2024

ޑްރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރަމުންދާ ނެޓްވޯޓެއް ފުވައްމުލަކުން އަތުލައިގެންފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލަކުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ބޭންކް އެކައުންޓުން އެތައް މިލިއަން ރުފިޔާއެއްގެ މުއާމަލާތް ކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލަކު ސިޓީގައި 2024 ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ”އޮޕަރޭޝަން ވެށި ރައްކަލް“ ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ފުވައްމުލައް ސިޓީގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްވެ ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު (34އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29އ) ވަނީ 2024 ޑިސެމްބަރު 9 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަަމަށް ފުލިހުން ބުންޏެވެ.

ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ފާއިތުވި ފަސް އަހަރު ތެރޭގައި އަހްމަދު ނިއުޝާދުގެ ބޭންކު އެކައުންޓު މެދުވެރިކޮށް 21 މިލިއަންނަށްވުރެ ގިން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި އަދި ފާއިތުވި ދެ އަހަރު ތެރޭގައި ހަސަން އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށްް ހަތް މިލިއަން ރުފޔާއަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 21 މީހަކާއި 2 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި، އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުވައްމުލަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް، 1147 މީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށްފައިވާ ކަމަށާއި މިހާތަނަަށް 58 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމުލަ 75 މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށާއި 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށް ކުރެވުނު މަސައްކަތުންނާއި ހިންގުނު ތަހުގީގު ތަކުން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަށްވެސް މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.