ދުބާއިގެ ހޮސްޕިޓަލަކާއި، ބެންކޮކްގެ ދެ ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ދިނުމަށް ސޮއިކޮށްފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއިގެ ހޮސްޕިޓަލަކާއި، ތައިލެންޑްގެ ވެރިއަށް ބެންކޮކްގެ ދެ ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ދިނުމަށް ސޮއިކޮށްފިއެވެ.

އާސަންދައިގެ ދަށުން ޔޫއޭއީ އަދި ތައިލެންޑުން ދިވެހިންނަށް ބޭސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އާސަންދައިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން މިއަދު ވަނީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާ އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ.

އާސަންދަ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ އެވެ.

ޔޫއޭއީ އަދި ތައިލެންޑް ހޮސްޕިޓަލްތަކާ އެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްތަކުން ދިވެހިންނަށް އާސަންދަ ހިދުމަތް ލިބޭނީ ކުރިއަށް އޮތް ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އާސަންދައިން ބުނީ ޔޫއޭއީ އަދި ތައިލެންޑް ހޮސްޕިޓަލްތަކުން އާސަންދަ ހިދުމަތް ހާއްސަ އުސޫލެއްގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްގެ އިތުރުން ދިވެހިންނަށް މިހާރު އާސަންދައިގެ ހިދުމަތް ލިބެނީ އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލްތަކުންނެވެ.