ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެއް: ހައިދަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު --- ފޮޓޯ: މިހާރު

ހައުސިން މިނިސްޓްރީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަލާމަތް ކުރެވިފައިވަނީ އެ މިނިސްޓްރީގެ ވަރަށް މަދު ލިޔެކިޔުންތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. އެހެންވެ އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.

ދަރުބާރުގެ ކައިރީގައި މިއަދު ހުންނަވައިގެން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހައިދަރު ވިދާޅުވީ އެ މިނިސްޓްރީގެ ގިނަ ލިޔުންތައް ހުންނާނީ އޮންލައިން ސާވާތަކުގައި ރައްކާކޮށްފައި ކަމަށެވެ. ނަމަވެސް ކަރުދާހުގައި ހުރި ލިޔެކިޔުންތަކުގެ ތެރެއިން ސަލާމަތް ކުރެވިފައިވަނީ މަދު އެއްޗެހިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”މާބޮޑު އުއްމީދެއް ނެތަސް އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކިރިޔާވެސް އެ މައުލޫމާތުތައް ހޯދޭ ކަމަށް ވަންޏާ އަޅުގަނޑުމެން ބަލާނަން އެ މައުލޫމާތުތައް ހޯދޭތޭ… އެކަމަށް ޑިސްކު އެނަލައިޒްކޮށްގެން އެ އެއް އެނގޭނީ. އެނަލައިޒް ކުރަން ފަހަރެއްގައި ބޭރަށްވެސް ފޮނުވަން ޖެހިދާނެ.“ ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑިސްކަތަކުގައި ގޭގެ ރަޖިސްޓްރީތަކާއި ކުރެހުންތައް ހުންނާނެ ކަމަށާއި ޑިސްކުން އެ ތަކެތި ރިކަވާނުވެއްޖެ ނަމަ އަލުން ޖެހޭނީ އެ މައުލޫމާތުތައް ހޯދަން ކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން ލިޔުންތަކެއް ސަލާމަތްކުރެވުނަސް އެއީ ކޮން ލިޔުންތަކެއް ކަމެއް އަދި އެއްކޮށް ސާފުނުވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.