ކާޑާއި ބޭސް އަދި ޒަރޫރީ ތަކެތި ގެންނަން އެސްޓީއޯ އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

އެސްޓީއޯގެ ފުށް ބަސްތާތަކެއް ބާލަނީ ---

ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އެ ކޮމިޓީއާ ފިނޭންސް މިނިސްޓްރީން ހިއްސާކުރި ސިޓީގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެސްޓީއޯ އިން އެ ލޯނު ނަގާފައިވަނީ ކާޑާ ބޭހުގެ އިތުރުން ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. ނަމަވެސް އެ ހިސާބުން މެންބަރަކު ވިދާޅުވި އެއްޗަކާ ގުޅިގެން މައިކުގެ އަޑު ކަނޑާލި އެވެ. އޭގެ ފަހުން ލޯނުގެ އިތުރު ތަފުސީލެއް ކޮމިޓީއަށް ހިއްސާކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ތިން އަހަރު ތެރޭގައި ދައްކާ ގޮތަށް ނެގި އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 13.13 ޕަސެންޓެވެ. ނަމަވެސް މި ލޯނު ނަގަނީ ކޮން ތަނަކުން ކަމެއް ނޭނގެއެވެ.