500 މީހުން ހަމަނުވާ މަންދޫން އެދުނީ ރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގައި ދިނުމަށް

ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫއުތައް ހިންގާފައިވަނީ ވަރަށް މަދުން ކަމަށާއި މި ސަރުކާރުން އެހެންވިޔަ ނުދީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ.

މަންދޫ ކައުންސިލުން އެގޮތަށް އެދުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

އދ. ދަނގެތި ކައުންސިލް އިދާރާގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މަންދޫ ކައުންސިލުން ވަނީ އެ ރަށަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި:

  • ރަށުގެ ސްކޫލަށް އިތުރު ކުލާސްރޫމް
  • ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ތަރައްގީކުރުން
  • ބަނދަރު ތަރައްގީކުރުން
  • އޭޓީއެމްގެ ހިދުމަތް ރަށުން ލިބުން
  • ރަށުން މާލެއަށް ފަސޭހައިން ދެވޭނެ ގޮތެއް ހަމަޖެއްސުން

ރައީސް އޮފީހުން ބުނީ، ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްދާނެ ކަމަށާއި މުޅި ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކުރުމުގެ މަޝްރޫއު ފެށިފައިވާކަން އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށެވެ.