އޭޕްރިލް 11, 2025

ކުރީ ސަރުކާރުން ބަދަލު ދޭން ހެދި ނުވަ އެއްބަސްވުމެއް އުވާލައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކުގެ ތެރެއިން ނުވަ އެއްބަސްވުމެއް ބާތިލުކަމަށް ނިންމަވައި، އެ އެއްބަސްވުންތައް އުވައިލެއްވުމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ނިންމަވައިފިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސެޓްލްމަންޓް ކޮމިޓީ އުވާލައްވައިފައެވެ. އެ ކޮމިޓީ އުވާލެއްވީ ”ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު“ ގެ ނަމުގައި 28 ނޮވެމްބަރު 2022 އިން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ބަންޑާރަ ނައިބު ރައީސަށް އެރުއްވި ލަފައަށް ރިއާޔަތްކުރައްވައެވެ.

އެ އުސޫލު އުވާލެއްވުމަށްފަހު އެ އުސޫލުގެ ދަށުން ސެޓެލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ރައީސް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވައިފައެވެ.

އަދި އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެންނާތީ އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާ ނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަ ކަމަށް އެ ކޮމިޓީން ނިންމައި އެކަން ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލަތައް އެ އޮފީހުން ދިރާސާކުރި އިރު، އެ އުސޫލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ދައުލަތުގެ ބަންޑާރަ ނައިބުގެ ބަހެއް ނެތި، ތައައްސުފީ ގޮތެއްގައި ވަކި ފަރާތްތަކަކަށް ނުހައްގު މުއްސަނދިކަމެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުންތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ ބާތިލު އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަ ނައިބު ނިންމަވައި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އެކަން އަންގަވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އުވާލި އެއްބަސްވުންތައް:

  • ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން ވ. ފޮއްތެޔޮބޮޑުފުށީގެ ވޯކް ޕްލޭން މިނިސްޓްރީއަށް ހުށަހެޅި ދުވަހުން ފެށިގެން ސެޓެލްމަންޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހާ ހަމައަށް ހިނގާ މުއްދަތު 30 ދުވަހަށް ރައުންޑް އޮފްކޮށް ލީޒް އެގްރިމަންޓަށް އިތުރުކޮށްދީ، ރަށުގެ ލީޒް އެގްރިމަންޓަށް ގެންނަ އިސްލާހެއްގައި ދެ ހަފުތާގެ ތެރޭގައި ސޮއިކުރުން
  • ބަދަލުގެ ގޮތުގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް 26 މިލިއަން ރުފިޔާ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 64 މިލިއަން ރުފިޔާ އަދި އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑަށް 5.1 މިލިއަން ރުފިޔާ ދޭން ނިންމި އެއްބަސްވުން
  • އެގްޒޯޓިކް ޕްރޮޕަޓީސް އިން ހުށަހަޅައިގެން ނ. ރާފުށީގެ ބަދަލުގައި ނ. އެކުޅިވަރު 99 އަހަރަށް ކުއްޔަށް ދޫކުރުމާއެކު އެ ރަށުގައި ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަ އަހަރު ދިނުން އަދި ކުރީގެ ލީޒް އެގްރިމަންޓާގުޅޭ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ހިމެނުން
  • ކްލިއާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން ތ. ވަންބަދި، ކަނި އަދި ފުށި 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރު ދޭން ނިންމުމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި އއ. މާފަރު ފަޅު 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަތް އަހަރު ދިނުމަށް އެއްބަސްވުން
    ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން އއ. މަޑޫގަލި އެ ކުންފުންޏަށް 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު އެ ރަށް ތަރައްގީކުރުމުގެ މުއްދަތުގެ ގޮތުގައި ހަ އަހަރު ދިނުމަށާއި ކުރީގެ ލީޒް އެގްރިމަންޓާ ގުޅިގެން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ވެފައިވާ އެއްބަސްވުން. އޭގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވި 20 މިލިއަން އެމެރިކާ ޑޮލަރުގެ ދިނުމުގެ ބަދަލުގައި ރ. ވިލިނގިލި، ރ. ތާވަތާ، ނ. އޮރިމަސްވަރު 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރު ދީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ބާކީ ދޭންޖެހޭ ކަމަށް ކަނޑައެޅި 8،447،000 އެމެރިކާ ޑޮލަރު އެ ތިން ރަށުގެ އެޑްވާންސް ކުލީގެ ގޮތުގައި ހަމަޖެއްސުމަށް ނިންމި ނިންމުން
  • ހ. ގިރިތެރޭގެ، އަބްދުﷲ އަލީ ހުށަހަޅައިގެން ހދ. ހޮނޑާފުށި 50 އަހަރަށް ކުއްޔަށް ދޫކުރުމަށް އާ ލީޒް އެގްރިމަންޓުގައި ސޮއިކުރުމާއި އެ ރަށުގެ ކުއްޔާއި ޖޫރިމަނާގެ އަދަދު މައާފުކޮށްދިނުމަށް ނިންމި ނިންމުން
  • ޖޭއެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިގެން ހދ. ކުޑަމުރައިދޫ 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު އެ ރަށުގެ ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަ އަހަރު ދިނުން އަދި ކުރީގެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމަށް ނިންމި ނިންމުން

2 Comments

  • Zahira Hasan ޑިސެމްބަރ 19, 2024

    Behihaigoathige enbasvun uveleenya maaragalhenu

  • Nasiha Moosa ޑިސެމްބަރ 20, 2024

    މިހެންވީމަ ކުރީސަރުކާރުން ކުރި އެއްވެސްކަމެއް މިސަރުކާރުން ބަލައިގަނެގެން ނުވާނެތާ ދޯ ކުރީސަރުކާރުގަ ކުރި ކައިވެނިތަށްވެސް ބާތިލްވާނެ އަދި އުފަންވި ކުދިންވެސް މިވީގޮތުން ބާތިލްވާނެތާ ދޯ މިސަރުކާރަށް ރަނގަޅަށް ހަމަ އެއްކަމެއް ނުކުރެވިގެން މިއުޅެނީ ހަމަ ތައުލީމީ މީހުން މަގާމްތަކުގައި ތިބެގެންތަ ބަލަ ޝަރުއީ ކޯޓްތަކުން ކޮށްފަހުއްނަ ހުކުމްތަކައި ކުޅިގެން ކުރިއެއް ނުލިބޭނެ ތިބަންދުކުރި ބަދަލު ލިބެންޖެހޭ މީހުންގެ އުނމުރަށްވެސް ދުލެއްނުކުރާނެކަން އިނގެން ޖެހޭނެ ހަމަ ތިބެލާފަ މިވެނިކަމެއް މި މަނާކުރީއެކޭ ނުބުނެވޭނެ އަދި ރައްޔަތުން މިގޮތަށް ދުލެއްވެސް ނުދޭނެ

Leave a Reply