ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ މީހުން އަތުލައިގަތީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އެ އިދާރާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ހަތް އަންހެނަކާއި އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އަންހެނުންގެ ތެރޭގައި ހިމެނެނީ ވިއެޓްނާމްގެ ހަ އަންހެނަކާއި އުގަންޑާގެ އަންހެނެކެވެ. އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
އިމިގްރޭޝަނުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އަދި ބާކީ ހަ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.



