އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވައިލީ އެ ކުންފުންޏަށް އާ މެނޭޖިން ޑިރެކްޓަރަކު މިދިޔަ އާދިއްތަ ދުވަހު އައްޔަން ކޮށްފައިވާތީ ކަމަށެވެ.

”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ވަނީ ގެނެވިފައި“ ޕީސީބީން ބުންޏެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ރޭ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރީ ހުޅުމާލެ ހިއްކުމާ ހިސާބުން ފެށިގެން އެ ތަން ތަރައްގީ ކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލެވެ.

އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑ) ފިޔަވައި ހުރިހާ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑް ކުރީ ގޯތިތަކުގެ މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން ކަމަށް ޕީސީބީ އިން ބުނެފައިވެ އެވެ.