ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ފަށައިފައިވާ އިކޮނޮމީ ރީފޯމް އެޖެންޑާފެ ދަށުން ވަޒީފާއިން ވަކިކުރި ކަމަށް ސަރުކާރުން ބުނެފައިވާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު މިއަދު އަންގަވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އޮކްޓޫބަރު މަހުގެ 28 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިގުތިސާދީ ރިފޯމް އެޖެންޑާގެ ތެރެއިން، އެކި މިނިސްޓްރީތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އެފަހުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ އެކަމަށް ކަނޑައެޅި މުއްދަތު ހަމަވިއިރު 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކޮށްފައިވަނީ ކޮން ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ހާމައެއް ނުކުރެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ ”މިހާރު“ އިން އެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހެޅުން ރައީސް އޮފީހުން ބުނެފައިވަނީ އެއީ އެއީ ޒާތީ މައުލޫމާތު ކަމަށްވުމުން އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.
ރައީސް އޮފީހުގެ އެ ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ރިވިއު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު، ކޮމިޝަނަރުގެ އޮފީހުން ވަނީ މައްސަލާގައި ގޮތެއް ނިންމައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ނިންމެވުމުގައި ވިދާޅުވީ، ވަކިކުރި ސިޔާސީ މުވައްޒަފުންގެ ދާއިމީ އެޑްރެހަކީ ޒާތީ މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މުވައްޒަފުންގެ މައުލޫމާތަކީ އާންމު މަސްލަހަތުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށް ކޮމިޝަނަރު ކަނޑައެޅުއްވި އެވެ.
ރައީސްގެ ރިފޯމް އެޖެންޑާގެ ދަށުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަމާއި މަގާމާއި ލިބުނު މުސާރަ އަދި ވަކިކުރި ތާރީހަކީ ހާމަކުރަން ޖެހޭނެ މައުލޫމާތު ކަމަށާއި އެއީ އާންމު މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ކޮމިޝަނަރުގެ ނިންމުމުގައިވެ އެވެ. އެހެންވެ، ރަސްމީ ފަސް ދުވަސް ތެރޭ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުގެ މައްޗަށް ކޮމިޝަނަރު އަމުރު ކުރެއްވި އެވެ.
ގުޅުންހުރި
”ގައުމީ ކުޅިވަރު ފަންޑު“ ގާއިމުކުރުމަށް ރައީސް ނިންމަވައިފި
ސިޔާސީ މަގާމުތަކުގައި ތިބި 248 މީހަކު ވަކިކޮށްފި
އިންޑިއާގެ ސަފީރު ކަމަށް އާޒިމާ، ސައުދީގެ ސަފީރު ކަމަށް ސަރީރު އައްޔަން
ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަނުކުރާތީ އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްތަކަށް އިނާމުދޭ ގޮތަށް މާސްޓާ ޕްލޭން ހަދަނީ
އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވައިލަނީ