ޑިސެމްބަރ 28, 2024

އާރްޑީސީ ހިޔާނާތް: މޫކޭއާއި ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު އަދި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝިއަލް އޮފިސާ ޔާސިރުގެ އިލެކްޓްރޯނިކް ބައެއް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން މޫކޭއާއި ޔާސިރު ދިރިިއުޅޭތަން ދެ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބައެއް ސާމާނުތައް ފުލުހުން ވަނީ ސީޒް ކޮށްފައި ކަމަށެވެ.

ބަލައިފާސްކުރުމުގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ އާރުޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު މޫކޭ ވަނީ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށް، އަމިއްލަ މަންފާ ހޯއްދަވާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ތަހުގީގަށްޓަކައި މޫކޭގެ ހަށިގަނޑާއި، އޭނާ ބޭނުންކުރައްވާ މޯބައިލް ފޯނުތަކާއި، އިލެކްޓްރޯނިކް ޑިވައިސްތަކާއި، ސިމްކާޑުތަކާއި އަދި ހެކި ގަރީނާގެ ގޮތުގައި ބެލެވޭ އެހެނިހެން ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޔާސިރުގެ އެކައުންޓަށް، ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ވަންނަމުން ގޮސް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ މައްސަލައެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެއެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ފުލުހުން އާރުޑީސީ އަށް ވަދެ ލިޔުންތަކެއް ގެންގޮސްފައި ވެ އެވެ.

ފުލުހުން އާރުޑީސީ އަށް ވަދެ ގިނަ އަދަދެއްގެ ލިޔުންތަކެއް ގެންދިޔަ މައްސަލާގައި މޫކޭ ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) އާ މެދު ވެސް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ. މޫކޭ ވިދާޅުވީ، އެއްވެސް ކަމެއް ނުވާ ކަމަށާއި އާރުޑީސީ އޮފީހަށް ފުލުހުން ވަނީ ”ހެޑްލައިން ހަދަން“ ކަމަށެވެ.