މިފްކޯއިން ޝަރީފް ވަކިކޮށް، މަސްވެރިކަމާ ގުޅޭ އެހެން ކުންފުންޏަކަށް ބަދަލުކޮށްފި

މިފްކޯގެ ޗެއާޕާސަން އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވައިފި އެވެ.

ޕީސީބީން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ޗެއާޕާސަން ކަމުން ޝަރީފް ވަކިކޮށް، އޭނާ އައްޔަން ކުރައްވާފައި ވަނީ އެމްފޯމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކަމަށެވެ.

އެމްފޯމްޕީސީއަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ބާނާ މަސް، ބޭރުގެ ބާޒާރަށް ނެރުމަށް މާކެޓް ކުރުމަށް މިއަހަރުގެ ފެބްރުއަރީމަހު އުފެއްދި ކުންފުންޏެކެވެ.

ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އެކުލެވޭ އެ ކުންފުނި އުފައްދާފައިވަނީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރުމުގެ ބޭނުމުގަ އެވެ.