ޖެނުއަރީ 5, 2025

އެސްއޯއީތަކުން ބޯނަސް ދިނުމަށާއި ލޯނު ނެގުމަށް ފިނޭންސުން ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދައިފި

ސަރުކާރު ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯނަސް ދިނުމަށާއި ލޯނު ނަގާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަދައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، އެ ބަދަލުތައް ގެނައުމަށް ނިންމައިފައިވަނީ އެ ބޯޑުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

މީގެކުރިން ޕީސީބީން ހުއްދަ ހޯދަން ޖެހޭ އަދި ކުރިއަށް އޮތްތަނުގައި ފިނޭންސުން ހުއްދަ ހޯދަން ޖެހޭ ކަންކަމުގެ ގޮތުގައި ޕީސީބީން ކަނޑައެޅި ކަންތައްތައް:

  • ކުންފުނީގެ އިދާރީ އަދި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުން
  • އެކި ކަންކަމަށް އިންވެސްޓްކުރުން
  • މުވައްޒަފުންގެ މަސައްކަތަށް ބަލާ ދެވޭ ބޯނަސްތައް ދިނުން

ޕީސީބީން ވަނީ ސަރުކާރު ކުންފުނިތަކުން ލޯނު ނަގާނަމަ އަމަލުކުރަންވީ ގައިޑްލައިން ވެސް އާންމުކޮށްފަ އެވެ.

އެ ގައިޑްލައިންގައިވާ ގޮތުން ސަރުކާރުގެ ކުންފުންޏަކުން  ލޯނެއް ނެގުމުގެ ކުރިން ލޯނު ދޫކުރާ އެއް ފަރާތައްވުރެ ގިނަ ފަރާތް ދިރާސާކޮށް ޓެކްނިކަލް ކަރުދާހެއް އެކުލަވާލަން ޖެހޭނެ އެވެ. އެ ކަރުދާސް ކުންފުނީގެ ބޯޑަށް ހުށަހަޅައި ފާސްކުރުމުގެ އިތުރުން ކުންފުނިތަކުގެ މައިހިއްސާދާރު ކަމަށްވާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ. ކަރުދާސް ތައްޔާރުކުރާއިރު ލޯނު އަނބުރާ ދެއްކުމަށް އޮތް ޕްލޭންތަކާއި ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށް އަލަށް ނަގާ ލޯނުގެ ސަބަބުން ކުރާނެ އަސަރު ހިމަނަންވާނެ އެވެ.

ސަރުކާރު ކުންފުނިތަކުން ލޯނު ނެގުމުގައި ސަރުކާރު ހިއްސާވާ ލޯނު ދޭ ކުންފުނިތަކާއި މާލީ އިދާރާތަކަށް އިސްކަންދޭނެ ޖެހޭނެ ކަމަށް ގައިޑްލައިންގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ޕީސީބީން ވަނީ ކުންފުނިތަކުގެ އިދާރީ އަދި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ އަމަލުކުރާނެ ގައިޑްލައިން ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން ކުންފުނިތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަށް ކޮންމެ ފަސް އަހަރަކުން، ހިއުމަން ރިސޯސް ނީޑްސް އެސެސްމަންޓެއް ހަދަން ޖެހޭނެ އެވެ. އަދި އޮނިގަނޑަށް ބަދަލެއް ގެނެވޭނީ މި އެސެސްމަންޓު ހެދުމަށްފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

އެގޮތުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ކުންފުނިތަކުން މުސާރައަށް ކުރާ ހަރަދު އާމްދަނީގެ 30 ޕަސެންޓުގައި ހިފެހެއްޓުމަށް މި އުސޫލުގައި އަންގާފައިވެ އެވެ. އާމްދަނީ ނުލިބޭ ކުންފުންޏެއްނަމަ މުސާރައިގެ ހަރަދު ހުންނަންވާނެ ކަމަށް ބުނެފައިވަނީ ހިންގުމުގެ ހަރަދުގެ 50 ޕަސެންޓުގަ އެވެ. ލޭބާ އިންޓެންސިވް ކުންފުންޏެއްނަމަ އެ މިންވަރު 65 އަށް މަތިކުރެވޭނެ އެވެ.