އެއް މަސް ތެރެއިގައި ޖޫރިމަނާގެ ފައިސާ ދައުލަތަށް ދެއްކުމަށް އަދީބުގެ މައްޗަށް ހުކުމްކޮށްފި

ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކުރިމިނަލް ކޯޓުންކުރި އެވެ.

އޭގެ ތެރެއިން އެއް މިިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައިފައިވީ ނަމަވެސް އަނެއް އެއް މިލިއަން ރުފިޔާ ދައްކައިފައިނުވެ އެވެ.

އެހެންވެ ނުދައްކާހުރި ޖޫރިމަނާގެ އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކަން އުނދަގޫ ކަމަށް އަދީބުގެ ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އަދީބަށް ދިނުމަށް ދައުލަތުން އިންކާރު ކުރާތީ، އެ ފައިސާ އިއްޔެ އިން ފެށިގެން އެއް މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމް އެންމެ ހަތަރު ދުވަހަށް ކުޑަކޮށް ދެއްވައިފަ އެވެ. އެހެންވެ، އެ ނިންމުމާ އެކު އަދީބު ވަނީ މިނިވަންވެފަ އެވެ.