މިއަދު މާލެއަށް ރިކޯޑު އަދަދަކަށް ވަނީ ވާރޭ ވެހިފައި: މެޓް

03 ޑިސެމްބަރު 20243، މާލެއަށް މިއަދުކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފަ / ފޮޓީ: ހަފްތާ

މާލެއަށް ހެނދުނުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގައި، ގަޑިއިރެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ،

މެޓް އޮފީހުން މިރޭ ބުނީ  ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ބޯކޮށް ވެހުނީ މިއަދު ހަވީރު 5-6 ދޭތެރޭގައި ކަމަށާއި އެއީ 60 މިލިމީޓަރުގެ ވާރޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރަކީ ރެކޯޑު އަދަދެއް ކަމަށާއި މާލެއަށް މިހާތަނަށް ރެކޯޑު އަދަދަކަށް ވެހިފައިވަނީ ގާތްގަނޑަކަށް 200 މިލިލީޓަރުގެ ވާރެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މާލެ އާއި ހުޅުލެއަށް 24 ގަޑިއިރުގެ ތެރޭގައި ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި އެ ވަގުތުގެ ތެރޭގައި ހުޅުލެއަށް 163 މިލިމީޓަރުގެ ވާރޭ ވެހުނުއިރު މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން ބުންޏެވެ.

ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ގޭގެއަށް ވަނީ ފެންވަދެފަ އެވެ. ގޭގެ އާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވަން ސިފައިންނާއި ފުލުހުން އަންނަނީ ވެލި ބަސްތާ ޖަހަމުންނެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާކުރާނެ ކަމަށެވެ.