ސަރުކާރުގެ އަމާޒު: ރޯދަމަސް އައުމުގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުކުރުން

ކަރަންޓުގެ މައްސަލަ ދިމާވާ ހުރިހާ ރަށެއްގައި، އަންނަ ރޯދަމަސް އައުމުގެ ކުރިން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުވަދުއަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފެނަކައިގެ އިންޖީނުގެތައް ރަނގަޅަށް ނުބަލަހައްޓާ ހުރުމުން އެ ތަންތަނުގައި ހުރި ޖަނަރޭޓަރުތައް ހަލާކުވެ، ބަދަލު ކުރަންޖެހި ހުރި ކަމަށެވެ.

އަދި ބައެއް ރަށްރަރަށް ޖަނަރޭޓަރު އިތުރު ކުރަންޖެހި، ޖަނަރޭޓަރުތަކުގެ ސައިޒު ބޮޑުކުރަން ޖެހިފައި ހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް މިދިޔަ އަހަރު ބޮޑު ހޭދައެއް ކުރަންޖެހުނު ކަމަށްވެސް ވިދާޅުވި އެވެ.

”މިހާރު އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއް ފަށައިފިން، ފިނޭންސް މިނިސްޓްރީއާއި ފެނަކައާއި އެސްޓީއޯ، އެމްޓީސީސީ ކުންފުނިތައް ގުޅި، ކުރިއަށް އޮތް ރޯދަމަސް އަންނަންވާއިރަށް، އަޅުގަނޑުމެން އަމާޒު މި ކުރަނީ މުޅި ރާއްޖޭގައި، އެންމެ ރަށެއްވެސް ކަރަންޓުގެ މައްސަލަ ހިމެނޭ ރަށެއްވިއްޔާ ހިމެނޭ ގޮތަށް އެންމެ ރަށެއްވެސް ދޫކޮށްނުލާ، ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަތައް ހައްލުކުރުމަށް ގެންނަންޖެހޭ ޖަނެރޭޓަރުތައް ގެނެސްދީ، އިންސްޓޯލްކޮށް ނިންމަން،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. ނަމަވެސް އަންނަ ރޯދަމަހު ރައްޔިތުން ކަންބޮޑުވާން ޖެހިވަޑައިނުގަންނަވާ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލުކުރަން ހިފި އަމާޒާއެކު، ހިތްހަމަޖެހޭ ގޮތަށް އެކަން ކޮށްދެއްވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.