ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ބަޔަކު ރޭ ގެއްލުން ދީފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރި ތަނަކީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއްވެސް ލައި ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ތަނެއް ކަމަށާއި ނަމަވެސް އެތަނަށް ބަޔަކު ވަދެފައިވަނީ ގޭޓާއި ތަޅުތައް ހަލާކުކޮށްލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، އެ ތަނަށް ގެއްލުން ދިނުމަށް އެޗްވީ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން އެކަމުގައި ބައިވެރިވި ބަޔަކީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޮޕަރޭޝަންތަކުގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެކެވެ. ނަމަވެސް އެފަދަ މުހިންމު ވަސީލަތްތަކަށް ގެއްލުން ދޭ މީހުން ކަރަންޓުގައި ޖެހުމާއި ބޮޑެތި އަނިޔާތައް ލިބުމާއި އަދި މަރުވުމުގެ ނުރައްކާ ވެސް ކުރިމަތިވެދާނެ ކަމަށް ވިދާޅުވި އެވެ.
”މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކުރިމަގުގައި މި ކަހަލަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާނެ.“ ފަހުމީ ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި ހުންނަ ހިޔާގެ ތިންވަނަ ޓަވަރުގެ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ސްޓޭޝަނެއްގެ ތެރެއިން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރުގެ މާޗު މަހުގައި މީހަކު މަރުވި އެވެ.




ގުޅުންހުރި
ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް: 74،000 އަށްވުރެ ގިނަ ގަސް
ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ތިން ބޭފުޅަކު ރިޓަޔާކޮށްފި
ސްޓެލްކޯ މުއައްޒަފުންގެ ހެލްތް ސްކްރީނިން ހަރަކާތެއް ކުރިއަށް ގެންގޮސްފި
މައްޗަންގޮޅިގެ ސަރަހައްދަކުން މާދަމާ ކަރަންޓް ކެނޑިދާނެ
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ރައީސް އޮފީހުގެ މިނިސްޓަރެއްގެ ފެންވަރުގެ މަގާމެއް ފަހުމީއަށް