ޖެނުއަރީ 15, 2025

ފެންބޮޑުވެދާނެތީ ވެލި ބަސްތާ ޖަހައި ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި

މިއަދުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އިލްތިމާސްކޮށްފި އެވެ.

އެންޑީއެމްއޭއިން ބުނީ އާންމުކޮށް ފެންބޮޑުވާކަމަށް ފާހަގަކުރެވޭ 56 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ރޭ ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މެޓް އޮފީހުން އިއްޔެ ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ހަ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ބުނީ ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

އެހެންވެ، އެންޑީއެމްއޭއިން ވަނީ ވިއްސާރާގައި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ފާހަގަކޮށް އެކަންކަން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެންޑީއެމްއޭއިން ފާހަގަކޮށްފައިވާ ކަންކަން:
– ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލައި ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުން

– ފެންބޮޑުވާ ސަރަހައްދުތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުން

– ފިހާރަ، ރެސްޓޯރަންޓު އަދި ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅުތައް އެޅުން

– ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފައި ގެންގުޅޭ ތަކެތި (ދޮންނަ މެޝިން ފަދަ ތަކެތި) ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުން

– ވައި ގަދަވާނެ ކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ވައި ގަދަވެ، އެއްލައިލާނެ ފަދަ ތަކެތި ރައްކާތެރިކުރުން

– ކަރަންޓު ސާމާނު ބޭނުންނުކުރާ ނަމަ ނިއްވާލާފައި ބެހެއްޓުން

– ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލައި ހަމަޖެއްސުން

އޭގެ އިތުރުން މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުމަށާއި ކަނޑުދަތުރު ކުރާއިރު ދަތުރަށް ފެށުމުގެ ކުރިން މެޓުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.