އެމްޑީޕީއަކީ އެ މަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަވެ، އޮތުން އެއީ އަބަދުވެސް އެދޭނެ ކަމެއް ކަމަށް އެ ޕާޓީގެ އެއް ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވެފައި މިވަނީ އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގައި ތިއްބެވި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ދިވެހި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގައި ކަމަށެވެ.
އެގޮތުން ގައުމެއްގެ ތަރައްގީއަށް ރައްޔިތުންގެ ތަނަވަސްކަމެއް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތް ކަމަށްވާއިރު، 2008 ގެ އިންތިހާބަށްފަހުގައި ސަރުކާރުގެ އާމްދަނީ އިތުރުވެ ދިޔަ މިންވަރުން އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި ރައްޔިތުންނަށް ހޯދައި ދެވުނު އިޖުތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ މީހެއް ނޫން. އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް ފަދަ ޕާޓީއެއް. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އަޅުގަނޑު އެދޭނެ ކަމެއް،“ ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ އަދި ޑިމޮކްރެޓްސްގައިވެސް އަމަލީ މަސައްކަތް ކުރައްވަން މި ވަގުތު ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ބޭނުންފުޅު ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ’ފިކުރެއްގެ ދިރުން‘ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައިގެން ނަޝީދު މަސައްކަތް ކުރެއްވި އެވެ.
އަދި 18 އަހަރަށްފަހު 21 ޖޫން 2023 ގައި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އޭރު އެ މަނިކުފާނު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.
ނަޝީދު އޭރު ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމެވީ ރާއްޖޭގައި އެ ވަގުތު ކަންކަން ހިންގަމުންދިޔަ ގޮތަށް ބެއްލެވުމަށްފަހު އެ މަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކަމަށެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު ދެން ގުޅިވަޑައިގަތީ އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އާއެވެ. އޭގެ ކުރިން ނަޝީދު ވަނީ އެމްޑީޕީ ’އަތުލަން‘ ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
1 Comment
ގުޅުންހުރި
އުސޫލުން ބޭރުން ދީފައިވާ ފުލެޓުތަކާއި ގޯތިތަށް އަތުލާނަން: މުއްތަލިބު
ފުލެޓް ލިބުނު މީހުންގެ ލިސްޓު އަލުން ވެރިފައިކުރަނީ
ސައްހަނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން އެއްބަސްވެއްޖެ
އުމްރާ މީހުން ގެންދިޔުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5،000 ރުފިޔާއިން
މާލޭގެ ކެފޭއެއްގެ ތެރޭގައި އިން މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ
ވިއްސާރައާ ގުޅިގެން ސްޓެލްކޯ އިން ޓާސްކުފޯހެއް އެކުލަވާލައި ތައްޔާރުވެއްޖެ