މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާއްސަ ޓާސްކުފޯހެއް އެކުލަވާލައިފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެންމެ އިސްކަމެއް ދޭނީ ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައިވެސް މުވައްޒަފުން ތައްޔާރަށް ތިބޭނެ ކަމަށެވެ.
ރާއްޖޭގެ އިރުން ހުޅަނގު ދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާއިރު، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
އެހެންވެ މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިއްޔެ ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އެ ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބުނެފަ އެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ކޮޅިގަނޑުގެ ސަބަބުން އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި