އުމްރާ މީހުން ގެންދިޔުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމު މިއަދު ނޫސްވެރިންނާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އުމްރާން މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ރާސްމީ ލައިސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައިގެން އެމްއެމްއޭއިން ޑޮލަރު ނަގައި އުމްރާއަށް ނުދިޔަ ކުންފުންޏެއް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ކުންފުނީގެ މައްސަލަ އިތުރަށް ބަލައި އެކަން ސާބިތުވެއްޖެނަމަ އެ ކުންފުނި 30،000 ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީގުކުރަން ފުލުހަށް ފޮނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެއީ އެމްއެމްއޭއިން ޑޮލަރު ދޫކުރަނީ އުމްރާއަށް ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުން ކަމަށްވާތީ އެ ކުންފުނިން ޑޮލަރު ހޯދަން އެމްއެމްއޭއަށް ހުށަހެޅީ ވަގު ލިޔުންތަކެއް ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަން ގެޒެޓް ކޮށްފައިވާ އުސޫލާ އަމަލު ނުކުރާ ހުރިހާ ކުންފުންޏަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.


