އާންމުންގެ ޒާތީ މައުލޫމާތު އެ މީހުންނަށް ނޭނގި ބޭނުންކޮށް، ސޮއި ފޯޖު ކުރުމަށްފަހު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މީހުން ވައްދާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރަން ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހެޅި ވަޒީރުންނާ ސުވާލުކުރުމާބެހޭ ނޯޓިސްގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާވާކަން ހާމަވެފައިވާ ކަމަށެވެ.
އެހެންވެ މީކާއިލް ވަނީ މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅަނީ ކޮން ފިޔަވަޅެއްތޯއާއި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހޯމް މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރަން އެދިފައެވެ.
ވަގު ފޯމު ހުށަހެޅި މައްސަލަ އީސީން ފުލުހަށް ހުށަހަޅާފައިވާއިރު، ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި ކަމަށް އެ ޕާޓީންވެސް ވަނީ އެއްބަސްވެފަ އެވެ.
އެކަމާއި ގުޅިގެން ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ’މެންބަޝިޕް ޑްރައިވް‘ ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އީސީއަށް ހުށަހަޅާފައި ވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބުނާ ގޮތުން ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި ނަކަލު ކުރުމަކީ ކުށެކެވެ. އެއީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.




ގުޅުންހުރި
ފޭދޫން ވަކި ކައުންސިލެއް ބޭނުމެއް ނުވި، ހުޅުދޫ އާއި މީދޫން ބޭނުންވޭ
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓު: އަދި ފެންނަނީ ފޯރިއެއް
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލުތަކެއް ހެދުމާ ގުޅޭ ވޯޓުލުން ކުރިއަށް
އެމްޑީޕީގެ އެއްވުމާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ ވެރިންނާއެކު ޣައްސާނާއި އިހުސާން ބައްދަލުވުމެއް!
ފިލްމީ ތަރި ޔޫއްޕެ، ޕީއެންސީއަށް ސޮއިކޮށްފި
އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން: އެމްޑީޕީ