ރުފިޔާއިން މުސާރައާއި ސާވިސް ޗާޖު ދޭން ފެށުމުން ނުރުހުން ފާޅުކޮށްފި

ބޭރު ފައިސާގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާއި ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ރުފިޔާއިން ދޭކަމަށް ބުނެ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ން ނުރުހުން ފާޅުކޮށްފި އެވެ.

ސަރުކާރުން ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރިސޯޓުތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހެ އެވެ. ނުވަތަ ރިސޯޓުގެ އާމްދަނީގެ 20 ޕަސަންޓު މާރުކުރުމުގެ އިހްތިޔާރު ވެސް ރިސޯޓުތަކަށް ވަނީ ގާނޫނުން ދީފަ އެވެ. ގާނޫނަށް ގެނައި އެ ބަދަލާއެކު ބައެއް ރިސޯޓުތަކުން ވަނީ މުވައްޒަފުންނަށް ކުރިން ޑޮލަރުން ދެމުން އައި މުސާރައާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭ ގޮތަށް ނިންމައިފަ އެވެ.

ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިސޯޓު މުވައްޒަފުންނަށް ރުފިޔާއިން މުސާރައާއި ސާވިސް ޗާޖް ދިނުން ހުއްޓުވަން ސަރުކާރަށް ގޮވާއިލާ ކަމަށެވެ. ޓީމުން ބުނީ މުސާރައާއި ސާވިސް ޗާޖު ރުފިޔާއިން ދިނުމުން ރިސޯޓް މުވައްޒަފުންގެ އާމްދަނީން 3،000 ރުފިޔާ ނުވަތަ 5،000 ރުފިޔާ މަދުވެގެންދާ ކަމަށެވެ.

ތަކެތީގެ އަގާއި ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުން ދާއިރު އާމްދަނީން އެހާބޮޑު އަދަދެއް މަދުވެގެން ދިޔުން ބަލައިނުގަނެވޭނެ ކަމަށް ޓީމުން ބުންޏެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 70 ޕަސަންޓު މުވައްޒަފުންނަކީ ބިދޭސީން ކަމަށާއި އޭގެ ސަބަބުން އެ މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ޓީމުން ބުންޏެވެ.

ޓީމުން ވަނީ މުވައްޒަފުންނަށް ރުފިޔާއިން ދޭ މުސާރާއާއި ސާވިސް ޗާޖު ނުނަގަން އެދިފަ އެވެ. އަދި ވަޒީފާގެ އެއްބަސްވުން ބަދަލުނުކުރުމަށް ވެސް ޓީމުން ވަނީ އެދިފަ އެވެ.

”ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ދެމުން އައިސްފައިވާ ރިސޯޓުތަކުން ދިވެހި ރުފިޔާއަށް ބަދަލުކުރުން ހުއްޓުވުމަށް ވެސް ސަރުކާރަށް ގޮވާލަމެވެ،“ ޓީމުން ބުންޏެވެ.