މިފްކޯއިން ކުޑަ މަސްދަޅެއް ބާޒާރަށް ނެރެފި؛ 40 ގުރާމް މަސް މަދު، 2 ރުފިޔާ އަގުހެޔޮ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުޑަ މަސްދަޅު ބާޒާރަށް ނެރެފި އެވެ.

މިފްކޯ އިން ކުރިން ނެރެމުން އަންނަނީ 180 ގުރާމްގެ މަސްދަޅެވެ. އެ ސައިޒުގެ މަސްދަޅު ތެލުގައި ބަންދު ކޮށްފައި (ޗަންކްސް އިން އޮއިލް) އަދި ފެނުގައި ބަންދު ކޮށްފައި (ޗަންކްސް އިން ބްރައިން) ވެސް ނެރެ އެވެ. އޭގެ މަސްދަޅެއް މިފްކޯ އިން ވިއްކަމުން އަންނަނީ 17.5 ރުފިޔާ އަށެވެ.

މިފްކޯ އިން އަލަށް ބާޒާރަށް ނެރެފައިވަނީ 140 ގުރާމްގެ ޗަންކްސް އިން އޮއިލްގެ މަސްދަޅެވެ. އެ މަސްދަޅު މިފްކޯ އިން ވިއްކަނީ 15 ރުފިޔާއަށެވެ. އެއީ މިހާރު ނެރެމުން އަންނަ 180 ގުރާމްގެ މަސްދަޅަށްވުރެ 2.5 ރުފިޔާގެ ހެޔޮވުމެކެވެ.

އޭގެ 48 ދަޅުގެ މަސް ކޭހެއް ރީޓެއިލްކޮށް ވިއްކާނީ 700 ރުފިޔާއަށެވެ. ހޯލްސޭލްކޮށް ވިއްކާނީ 685 ރުފިޔާއަށެވެ.

މިފްކޯ އިން ބުނީ، އެ ސައިޒުގެ މަސްދަޅު ބާޒާރަށް ނެރެން ނިންމީ ދަޅުމަސް ކަނޑާފައި ބާކީ ބައި ފްރިޖުގައި ބެހެއްޓުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާތީ ކުދި ގޭބިސީތަކަށް ހާއްސަކޮށްގެން އެއް ފަހަރު ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ.