ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމުގެ ދަށުން ހަމާސް އިން އިޒްރޭލުގެ ތިން ރަހީނަކު މިނިވަންކޮށްފި އެވެ.
އިޒްރޭލު ސިފައިންގެ ތަރުޖަމާން ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން ހަމާސް އިން މިނިވަން ކޮށްފައިވަނީ 24 އަހަރާއި 28 އަހަރާއި 31 އަހަރުގެ ތިން އަންހެނުން ކަމަށެވެ. އަދި އެ މީހުން ރެޑް ކްރޮސް މެދުވެރިކޮށް އިޒްރޭލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
އިޒްރޭލުގެ ތިން ރަހީނުންގެ ބަދަލުގައި އިޒްރޭލުގެ އޮފާ ޖަލުގައި ތިބި ފަލަސްތީންގެ 90 ގައިދީއަކު މިނިވަން ކުރާނެ އެވެ. އެ މީހުންގެ މައުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ރެޑް ކްރޮސް އިން ދަނީ ކުރަމުންނެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި 251 މީހުންގެ ތެރެއިން 94 މީހުން އަދިވެސް ޣައްޒާގައި ތިބި އިރު, އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ފަލަސްތީނު މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ވި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ތަންފީޒު ކުރަން ނިންމާފައިވާ އެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތަކީ 42 ދުވަހެވެ.
އެ މުއްދަތުގައި ރަހީނުންނާއި ގައިދީން ބަދަލުކުރުމުގެ އިތުރުން އިންސާނީ އެހީގެ ލޮރީތަކަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދޭނެ އެވެ. އަދި ޣައްޒާގައި ތިބި އިޒްރޭލުގެ ސިފައިން އެ ބިމުން ފައިބަން ވަނީ އެއްބަސްވެފަ އެވެ.




ގުޅުންހުރި
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި