ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކުރެއްވި ކަމަށް ޑީއެންއާރްގެ އިސް ބައެއް ބޭފުޅުން މިއަދު އިއުތިރާފުވެއްޖެ އެވެ.
ޑީއެންއާރުގެ ތެރޭގައި ވަކިން ހުންނަ މީޓިން ރޫމެއްގައި ޕީއެންސީގެ މެމްބަޝިޕް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ވަނީ ދައުރުވެފަ އެވެ. އިތުރު ފޮޓޯއެއްގައި ހަމަ އެ ތަނުގައި ޕިއްޒާ ޕާޓީއެއް ބާއްވާ މަންޒަރު ވެސް ފެނެ އެވެ. އެ ފޮޓޯތަކުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި އަހްމަދު އާލީގެ އިތުރުން ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ހުންނަވާ ތަން ވެސް ފެނެ އެވެ.
ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް ޑީއެންއާރުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލަން ކަމަށް ބުނެ ޑީއެންއާރުން މިއަދު ވަނީ ނޫސްވެރިންނަށް ދައުވަތު ދީފަ އެވެ. ނޫސްވެރިން ދިއުމުން ޑީއެންއާރުން ވަނީ ’ވަގު ފޯމުތައް‘ ފުރުމުގެ މަސައްކަތް ކުރި މީޓިން ރޫމްވެސް ދައްކާލައިފަ އެވެ.
އެ ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު ވިދާޅުވީ އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ޑީއެންއާރްގެ މީޓިން ރޫމް ކަމަށާއި އެއީ ޑީއެންއާރުގެ ތެރޭގައި ވަކިން އިންނަ މީޓިން ރޫމެއް ކަމަށެވެ. އެހެން ޑިޕާޓްމަންޓުތަކުންވެސް އެދިއްޖެ ނަމަ އެ މީޓިން ރޫމް ބޭނުން ކުރަން ދޫކުރާ ކަމަށްވެސް ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ ހޯމްލޭންޑް (މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން) އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ ”ހޯމް ޓީމެއް“ ގެ ފަރާތުން ޕީއެންސީ އަށް ފޯމްތައް ފުރާފައިވާނެ ކަމަށެވެ. ޑީއެންއާރުގެ ޑޭޓާ ބޭސްއަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި ސައްހަ ނޫން ފޯމު ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން ފުރިނަމަ ތުހުމަތުވާ އަދަށްވުރެ ގިނައިން ފޯމު ފުރޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”މިނިސްޓަރު ކުރިއަށް ގެންދެވީ ވަރަށް އިންތިޒާމު ކުރެވި، ރޭވިފައި އޮތް އެންމެންވެސް އޭގައި ބައިވެރިވާ ގޮތަށް. މިނިސްޓްރީ އޮފް ހޯމް ލޭންޑުގައި ސިޔާސީ މީހުންގެ ގޮތުގައި ތިބި ހުރިހާ ފަރާތްތަކަށްވެސް އެ ފަރާތެއް މެދުވެރިކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމަށްޓަކައި މެންބަރުން ވެއްދުމުގެ ކަންކަން ގެންގޮސްދިނުމަށް އެދިފައި އޮތީ،“ މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީގެ ދަށުން 56 ސިޔާސީ މަގާމެއްގައި ބޭފުޅުން ތިއްބަވާ ކަމަށާއި އެއިން ކޮންމެ ބޭފުޅަކަށް ވެސް ”ވީވަރަކުން ފޯމުތައް ގެންގޮސް ދިނުމަށް“ އެދިފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދަން ޕާޓީ ފޯމް ފުރުމުގެ މަސައްކަތް ކުރި ކަމަށް އިއުތިރާފު ވަނީތޯ ނޫސްވެރިން ސުވާލު ކުރުމުން މަޖީދު އެކަން ދޮގުކުރައްވާފައެއް ނުވެ އެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލު!
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ޕީއެންސީގެ ޕްރައިމަރީ އަންނަ މަހު 27ގައި، ކުރިމަތިލާން މާދަމާ ހުޅުވާލަނީ
ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: