ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދީ މަރާލަން އުޅުނު މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާއި ދެކޮޅަށް ޝަމީމް ހެކިބަސްދީފި އެވެ.
ޝަމީމަށް ހަމަލާދީފައި ވަނީ މިދިޔަ 31 ޖެނުއަރީގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގޭ ދޮރުމަތިންނެވެ. އެ ހަމަލާގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ދައުލަތުން ތުހުމަތުކުރަނީ އެއީ އިންތިޒާމުވެގެން ގޭންގަކުން އޭނާ މަރާލަން ދިން ހަމަލާއެއް ކަމަށެވެ. ހަތް މީހުންގެ މައްޗަށް އުފުލި ދައުވާއަކީ ވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުުނު ކަމުގެ ދައުވާ އެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ ދެއްވި ހެކިބަހުގައި ޝަމީމް ވިދާޅުވީ އެދިސާ ހިނގި ދުވަހު ކަސްރަތު ކުރައްވަން ނުކުންނެވިއިރު ދެމީހަކު މަޑުކޮށްގެން ތިބިތަން ފެނުނު ކަމަށެވެ. ޝަމީމު ވިދާޅުވީ އެމީހުން ތިިބީ އެތަނުގައި ސައިކަލު ޕާކުކޮށްގެން ކަމަށާއި ދެމީހުންވެސް ތިބީ ހެލްމެޓު އަޅައިގެން ކަމަށެވެ.
ޝަމީމު ވިދާޅުވީ އޭގެ ފަހުން ގެއަށް ވަޑައިގެންނެވުމާ ހަމައަށްވެސް ބަޔަކު ފާރަލައިފައިވާ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. ފަހުން ހަމަލާދިނީ ވެސް އެ ދެމީހުން ކަމަށް ޝަމީމު ވިދާޅުވި އެވެ.
ކަސްރަތުކޮށް ނިންމާފައި ގެއަށް އައިސް ސައިކަލު ޕާކުކޮށްފައި ވަންނަން އުޅެނިކޮށް ބާރު ސްޕީޑުގައި ސައިކަލުގައި ދެމީހަކު އައި ކަމަށާއި، އައިސް އޭގެ ތެރެއިން އެކަކު އޭނާއަށް ހަމަލާ ދިން ކަމަށް ޝަމީމު ވިދާޅުވި އެވެ. އެ ހަމަލާ އަމާޒުވީ އަތަށްކަަން ފާހަގަކޮށް ޝަމީމު ވިދާޅުވީ، އަތް ނުނެގުނު ނަމަ ހަމަލާ އަމާޒުވާނީ ބޮލަށް ކަމަށެވެ.
ޙަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރު ބިންމައްޗަށް ވެއްޓުމުން އެ ހަތިޔާރު ނަގައިގެން އެމީހުން ދުވެފައި ދިޔަ ކަމަށާއި، ޙަމަލާދިނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ކަމަށް ޝަމީމު ވިދާޅުވި އެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންނާއި ދައުވާކުރި ސަބަބު:
މިދުހަތު އާދަމް، 24، ރިވެލި/ރ. އަލިފުށި
ދައުވާގައިވާ ގޮތުން މިދުހަތަކީ، ހަމަލާދިނުމަށް އިތުރު ބަޔަކާ އެކު ރާވައި ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އެ ސަރަހައްދަށް ގޮސް ހަމަލާދިން މީހާ؛
މިދިޔަ 31 ޖަނަވަރީގެ 7:42 ހާއިރު، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޝަމީމު ހުއްޓައި ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، މާރާމާރީ ހިންގައި އަތުގެ މުލައްދަނޑި ޒަހަމްކޮށްލީ މިދުހަތު
މުހައްމަދު ޖަޒްލާން، 22، ތުނޑި ޖަވާހިރުވިލާ/ލ. ގަން
ދައުވާގައިވާ ގޮތުން ޖަޒްލާނަކީ ޝަމީމަށް ހަމަލާދޭން ރާވައި ޝަމީމަށް ހަމަލާދިނުމަށް ނޫރު މިސްކިތް ކައިރިއަށް މިދުހަތު ގެންދިޔަ މީހާ
މިދުހަތު ގޮވައިގެން ސަކަލެއްގައި ނޫރު މިސްކިތް ކައިރިއަށް ގެންދިއުމަށް ފަހު، ޝަމީމަށް ހަމަލާދީ ޒަހަމްކޮށްލުމުން މިދުހަތު ގޮވައިގެން ޖަޒްލާން އެތަނުން ގޮސްފައިވޭ
އަހްމަދު މައިސާން ހާޝިމް، 20، މާލޭ ދަފްތަރު ނަންބަރު 2247
ދައުވާގައިވާ ގޮތުން މައިސާނަކީ ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އޭނާއަށް ހަމަލާދިނުމަށް މިދުހަތު އެ ސަރަހައްދަށް ދިޔަ ސައިކަލު ހޯދައިދީ އެކަމަށް މަހުގުފަހިކޮށްދީފައިވާ މީހާ
ދެން މި މައްސަލާގައި ދައުވާކޮށްފައިވާ މީހުންނަކީ:
ޝަމާލް ހުސެން، 21، މުސްތަރީގެ/ތ. ގާދިއްފުށި
ޒަޔާން ނަސީރު، 23، ކެމީހިޔާ/އދ. މާމިގިލި
އަބާން އަބްދުލްހައްނާން، 23، ރުވާ/ތ. ދިޔަމިގިލި
ރަޖުވާން ލަތީފް، 22، މުރިނގު/ލ. މާމެންދޫ
ދައުވާގައިވާ ގޮތުން، މި ހަތަރު މީހުންނަކީ ނޫރު މިސްކިތް ކައިރީ ޝަމީމަށް ހަމަލާދީ ނިމެންދެން ކާރެއްގައި ސަރަހައްދުގައި މަޑުކޮށްގެން ތިނބި މީހުންނެވެ. އަދި ޝަމީމަށް ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާ އެކު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ދައުވާގައިވެ އެވެ.
ގުޅުންހުރި
ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި އިކްރާމް ތިން މަހަށް ޖަލަށްލައިފި
ރާއްޖޭގައި ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކުރާ 30 ކުންފުންޏެއް!
ތިމަރަފުށީ މާރާމާރީއާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފި
ޑްރަގްސްއާއެކު ހައްޔަރު ކުރުމުން ފުލުހުން ކައިރީގައި ބުނީ އެއީ ބައްޕަގެ އެއްޗެއް
ވައްކަން ކޮށްގެން ގޭބަންދުގައި ހުރި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ދެ ކިލޯގެ ޑްރަގް މައްސަލައެއްގެ 50 އަހަރުގެ ޖަލު އަދަބު 25