ރޯދަމަހު ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށް ތިނަދޫ ކައުންސިލުން އަންގައިފި

ރޯދަމަހު ކުޅިވަރު ހަރަކާތްތެއް ނުބޭއްވުމަށް ގދ. ތިނަދޫ ކައުންސިލުން އަންގައިފި އެވެ.

ތިނަދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހަކީ އަޅުކަމަށް މަގުފަހިވެ، އިސްލާމީ ރިވެތި އާދަކާދަތައް އާލާވާނެ ދުވަސްތަކަކަށް ހެދުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކައުންސިލުން ބުނީ ރަށުގެ ހުރިހާ މުއައްސަސާތަކަކުންނާއި، ވިޔަފާރިވެރިންނާއި، ޖަމިއްޔާތަކުން ރޯދަ މަހުގެ މަގްސަދު ހާސިލުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށާއި ދުވާލުގެ ވަގުތުތަކުގައި އަޅުކަމަށް އިސްކަންދީ، ރަސްމީ މަސައްކަތްތައް ފަރުޟު ނަމާދުތަކާއި ތަރާވީޙް ނަމާދުގެ ވަގުތުތަކާ ފުށުނާރާނެހެން އިންތިޒާމުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރޯދަ މަހުގައި ދުވާލާއި ރޭގަނޑު ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށާއި ކްލަބް ޖަމިއްޔާތަކަށް ދޫކޮށްފައިވާ ތަންތަނުގައި ވެސް މިފަދަ ހަރަކާތްތައް ނުބޭއްވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮންމެހެން ބާއްވަންޖެހޭ ރަސްމީ ހރަކާތްތައް ފިޔަވައި އެހެން ހަރަކާތްތައް ނުބޭއްވުމަށް ވެސް ކައުންސިލުން ބުންޏެވެ.

އޮފީސްތަކުން ބާއްވާ ދީނީ ހަރަކާތްތަކުގެ މައުލޫމާތު ވެސް ކައުންސިލާ ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

ނަމަވެސް، ކައުންސިލުން ވަނީ ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް ރަށުގައި ގާއިމުކޮށްފައިވާ ކުޅިވަރު މައިދާންތަކާއި ދަނޑުތައް ކަނޑައެޅޭ ވަގުތުތަކެއްގައި ހުޅުވާލާނެ ކަމަށް ބުނެފައެވެ.

އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކަށް ކައުންސިލުގެ އެއްބާރުލުން ނުލިބޭނެ ކަމަށާއި، ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.