ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް އަބްދުﷲ ވަކިކުރުމުގެ މަސައްކަތް ވެރިކަންކުރާ ޕީއެންސީން ފަށައިފި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަސައްކަތް ފެށިކަން ޕީއެންސީގެ ބައެއް މެންބަރުން ވަނީ ހަފްތާއަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އަބްދުއްރަހީމް މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފަ އެވެ.
ފައިސަލް މަގާމުން ދުރުކުރުމާއެކު އަބްދުއްރަހީމް ސަރުކާރުން ނުސީދާ ގޮތެއްގައި ފާޑު ވެސް ވިދާޅުވެފަ އެވެ.
އެގޮތުން އަބްދުއްރަހީމް މިއަދު ވިދާޅުވީ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިޔާނާތުގެ އެއްވެސް ކަމެއް ހިންގައިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފައިސަލް ވަނީ ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ހާސިލްކުރައްވައިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
”ވަރަށް ދެރަވަރުކޮށް މިދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމުވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މިދަނީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
”މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،“
ފައިސަލް، ރައީސް މުއިއްޒާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ފައިސަލް ސަރުކާރާ އެކު ހުންނަވާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި ހުއްޓާ ކުއްލިއަކަށް އެގޮތަށް ވަކިކުރުމުން، ”ފައިސަލްއެއް ދެން ސަރުކާރާ އެކު ނުހުންނަވާނޭ ނޫންތޯ“ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ސިޓީ ފޮނުވީ މިއަދު އޮފީހަށް ފައިސަލް ވަޑައިގަތް ފަހުންނެވެ.
”އަޅުގަނޑަކަށް ވެސް މިވީ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ. ފައިސަލް ގުޅުއްވާފައި ވިދާޅުވި ވަކިކުރައްވައިފިޔޭ ތިމަންނާ އޮފީހަށް އައިތަނުން،“
މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

15 Comments
ގުޅުންހުރި
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު