ޖެނުއަރީ 31, 2025

ސްޓެލްކޯ ކްލަބުން މުވައްޒަފުންގެ އަހުލާގު އަލުން ހިފަހައްޓައިދިނުމަށް ފަހުމީ އެދިވަޑައިގެންފި

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް (އެސްއާރުސީ) އަކީ ކުންފުނީގެ މުވައްޒަފުންގެ އަހުލާގު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަހުލާގު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެސްއާރުސީގެ ބޯޑުގެ ޗެއާޕާސަން ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އިއްޔެ ބޭއްވި އެ ކްލަބްގެ އިފުތިތާހީ ޖަލްސާގައި ފަހުމީ ވިދާޅުވީ، އޭރުގެ ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކްލަބެއް ކަމަށާއި އެ ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށެވެ.

”އޭރުގައި ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް. އޭރުގަ އިސްވެރިން ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަހުލާގު ވަކި ގޮތަކަށް ބައްޓަންކުރުން. ކުންފުނީގެ ޑިސިޕްލިން ވަކި ގޮތަކަށް ހިފެހެއްޓުން… ގަޑިއެއް ނުޖެހޭނެ ދުވަހަކުވެސް. އަދި ކުންފުނީގެ ތެރޭގަ އެބޭފުޅުންގެ ބޭއަދަބީ ނުވަތަ އެބޭފުޅުން ގޯހޭ ބުނާނެ އެއްވެސް މުވައްޒަފަކު ނޫޅޭނެ. ނަމޫނާ މުވައްޒަފުންތަކެއް އޭރު ކުންފުނީގަ ތިބި ހުރިހާ ބޭފުޅުންނަކީވެސް.،“ ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުގައި އޭރު ކުޅިވަރު ކުޅުއްވި ބޭފުޅުންނަކީ ކުޅިވަރުގެ ދާއިރާގައާއި މަސައްކަތުގެ ދާއިރާގައިވެސް ނަމޫނާ މުވައްޒަފުންތަކެއް ކަމަށެވެ.

”މިއަދު އަޅުގަނޑުމެން ހަމަ އެ ކްލަބް ވުޖޫދަށް މި ގެނައީ. އަޅުގަނޑުމެން މެނޭޖުމަންޓުން ބޭނުންވަނީ ހަމަ އެ ވެލިއުޒްތައް އަނެއްކާވެސް ކްލަބުން އެޑްކޮށްދެއްވާށޭ ކުންފުނީގެ މުވައްޒަފުންގެ ތެރެއަށް“، ފަހުމީ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕާސަން، އަބްދުﷲ ނާޒިރު ވިދާޅުވީ، އެސްއާރުސީއަކީ ގައުމީ ފެންވަރުގެ، ހިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ. އަދި އެ ކްލަބް އަލުން ވުޖޫދަށް އައުމަކީ ކުންފުނީގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށްވެސް ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ މި ހިދުމަތް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރުގައި އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ހަރަކާތްތައް ފެނިގެންދިޔައީ މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހުގެ ތެރެއިން އަޅުގަނޑުމެން ހިދުމަތް ދިނުމަށް. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުގެ ބޯޑްރޫމް ތެރެއަށް ވަދެލީމަ. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން މިތަނުން އުފެއްދި، ކުޅިވަރުގެ ތެރެއިން އުފެއްދި ވަރަށް އަގުހުރި ހިދުމަތްތެރިންނަށް ބަލާލީމަ. އެކިއެކި ދާއިރާތަކުގެ ވަރަށް ރަނގަޅު ގައުމީ ފެންވަރުގެ ކުޅުންތެރިން އަޅުގަނޑުމެންގެ މި މުވައްޒަފުންގެ ތެރޭގަ ވަނީ އުފެދިފަ. އުފައްދަވާފަ. އެހެންވީމަ ގައުމީ ފެންވަރުގަ ދިވެހިރާއްޖެ ބަލައިގަތް އަޅުގަނޑުމެންގެ ކުޅިވަރުގެ ޙަރަކާތްތައް، ރެކްރިއޭޝަން ކްލަބް“، ނާޒިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކްލަބުގެ ތެރެއިން ކުރެވިގެންދާނެ ކަމަށެވެ.