400 މީހުން އުޅޭ މޮޅަދުއަށް ރައީސް ދިން ޔަގީންކަން: އާބާދީ ބޮޑެތި ރަށާ އެއްވަރަށް ތަރައްގީ ކޮށްދޭނަން

ހއ. މޮޅަދޫއަކީ އާބާދީ ކުޑަ ރަށެއް ނަމަވެސް އެންމެ ބޮޑެތި އާބާދީތަކާ އެއްވަރަށް މޮޅަދޫ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ, ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޮޅަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އާބާދީގައި ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ މޮޅަދޫއަށް ރައީސް މުއިއްޒު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ އާބާދީ ކުޑަ ރަށެއްގައި އުޅޭ ރައްޔިތެއް ނަމަވެސް އަދި އާބާދީ ބޮޑު ރަށެއްގައި އުޅޭ ރައްޔިތެއް ނަމަވެސް އެ މަނިކުފާނަށް ކޮންމެ ރައްޔިތެއް ހަމަހަމަ ކަމަށެވެ. އެގޮތުން މޮޅަދޫގެ ތަރައްގީގެ ކަންކަމަކީ އެންމެ ބޮޑު ރަށުގެ ތަރައްގީއާ އެއްގޮތަށް އެ މަނިކުފާނަށް މުހިންމު ކަންތައްތައް ކަމަށް ވިދާޅުވި އެވެ.

”މިގޮތަށް އާބާދީ ކުޑަ ރަށެއް ކަމުގައިވިޔަސް އަދި އެންމެ ބޮޑެތި އާބާދީތައް ކަމުގައި ވިޔަސް ދިވެހި ރައްޔިތުން ވަނީ ހަމަ ދިވެހި ރައްޔިތުންނަށް ހަމަހަމަ. ގާނޫނުއަސާސީގައި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ކޮށްދޭންޖެހޭ އަދި ކޮށްދޭނެ ރައްޔިތުންނޭ.“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މޮޅަދޫގެ ރައްޔިތުންގެ އުއްމީދުކުރާ ކަންކަންވެސް އެހެން ރަށްތަކެކޭ އެއްގޮތަށް ވަރަށް އިސްކަންދީގެން, ހަމަހަމަގޮތެއްގައި އިންސާފުވެރި ގޮތެއްގައި ވަރަށް ބާރު ސްޕީޑުގައި ކަންތައްތައް ކޮށްދިނުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށެވެ.