ޖެނުއަރީ 31, 2025

މާތް ﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވަ އެވެ.

މާތް الله އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ ކަމަށާއި އަދި ހަމަ އެފަދައިން އެކަލާނގެ އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑިއެއްނުގަންނަވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ގަޟާ ގަދަރަށް އީމާންވުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ގަޟާ ގަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުނަށްވާއިރު، ގަޟާ ގަދަރަށް ފުރިހަމައަށް އީމާންނުވާ ނަމަ، އޭނާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ. އެގޮތުން ގަޟާ ގަދަރަށް ނުވަތަ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާންޖެހޭ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އޭގެ ތެރެއިން ފުރަތަމަ ކަމަކީ، الله سُبْحَانَهُ وَتَعَالَى ހުރިހާ ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުން ކަމަށާއި ހަލްގުތަކުން ހެއްދެވުމުގެ މާކުރީން މާތް ﷲގެ އަޒަލިއްޔަ އިލްމުފުޅުގައި އެ ތަކެއްޗާ ބެހޭ ހުރިހާ ކަމެއް ދެނެވޮޑިގެންވާކަމާއި އުޑުތަކާއި ބިމުގައި ހިނގައިފައިވާ ހުރިހާ ކަމަކާއި ހިނގާ ހުރިހައި ކަމަކާއި އަދި މުސްތަގުބަލުގައި ހިނގާނޭ ހުރިހައި ކަމެއް ވެސް އެކަލާނގެ ދެނެވޮޑިގެންވާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ގަޟާ ގަދަރަށް އީމާންވުމުގައި އީމާންވާންޖެހޭ ދެވަނަ ކަމަކީ اَللَّوْحُ الْمَحْفُوْظُ ގައި، الله سُبْحَانَهُ وَتَعَالَى ހުރިހާ ކަމެއް ލިޔުއްވައިފައިވާކަމަށް އީމާންވުން ކަމަށާއި ތިންވަނަ ކަމަކީ ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާދަފުޅުންކަމާއި އިރާދަފުޅާ ނުލައި އެއްވެސްކަމެއް ނުހިނގާނެ ކަމަށް އީމާންވުން ކަމަށް ބުންޏެވެ. އަދި ބުނީ، ބަޔަކު ކިތަންމެ ގަދައަޅައި ތިބާއަށް ގެއްލުމެއްދޭން ނުވަތަ މަންފާއެއް ހޯދައިދޭން އުޅުނުކަމުގައި ވިޔަސް، އެކަލާނގެ އިރާދަފުޅުން މެނުވީ އެ ކަމެއް ނުވާނެ ކަމަށެވެ.

މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާ ނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮ ގޮތެއް މެދުވެރިކުރައްވާ ނަމަ، (އެ ކަން ދުރުކުރާނޭ އެހެން ފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.“

ހުތުބާގައި ބުނީ، ގަޟާ ގަދަރަށް އީމާންވުމުގައި އީމާންވާންޖެހޭ ހަތަރުވަނަ ކަމަކީ ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ الله سُبْحَانَهُ وَتَعَالَىކަމަށް އީމާންވުން ކަމަށާއި އޭގެ ތެރޭގައި ހުރިހާ މަހުލޫގުން ކުރާކަންތަކާއި އެ މަހުލޫގުންތަކަށް ލިބިފައިވާ ކުޅަދާނަކަމަކާއި ހުރިހާ ބާރެއްވެސް ހިމެނޭ ކަމަށެވެ.

އަދި ގަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާއެކު ކަމަށާއި ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށާއި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެ ކަމަށް ބުންޏެވެ. އަދި ބުނީ ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެ ކަމަށާއި އޭނާއަށް ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެ ކަމަށެވެ.

ހުތުބާގައި ބުނީ، މާތް ﷲ މި ކައުނުގައި ލައްވައިފައިވާ ހުރިހާ ކަމެއް ލައްވައިފައިވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައި ކަމަށާއި އެކަން އެނގުނަސް އަދި ނޭނގުނަސް ހިނގާ ހުރިހާ ކަމަކީ އެ ކަމުގައި އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. އެހެންކަމުން އަހަރެމެންނަށް ދިމާވާ މުސީބާތްތަކުގައި، އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ގަޟާގަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން ކަމަށާއި އީމާންކަމާއި ކެތްތެރިކަމުން ހިމާޔަތް ލިބިގެންފި ނަމަ، ދުނިޔެއާއި އާހިރަތުގައި ދަރުމައާއި ސަވާބު ހިސާބެއްނެތި ދެއްވާނެ ކަމަށް ބުންޏެވެ.

މާތް الله ވަހީކުރައްވައިފައިވާ  ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”الله، (އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރު ވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮ ކަމެއް ކަމުގައިވާ ނަމަ، އެ ކަންތައް (އެބަހީ: އޭގެ ثَوَابُ) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ.“