ޖެނުއަރީ 31, 2025

އެސްޓީއޯއަށް މިދިޔަ އަހަރު 15 ބިލިއަންގެ އާމްދަނީއެއް، 2023 އަށްވުރެ ހަ ޕަސެންޓުގެ ދަށްވުމެއް!

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯ އިން އިއްޔެ އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރާ އަޅައި ބަލާއިރު ހަ ޕަސެންޓް ދަށްވުމެކެވެ.

އޭގެ ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގަށް ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ.

އާމްދަނީ ދަށްވުމާއެކު މިދިޔަ އަހަރު ޖުމުލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 2.4 ބިލިއަން ރުފިޔާ އެވެ. އެއީ 2023 ވަނަ އަހަރާ އަޅައި ބަލާއިރު 12 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ 2023 ވަނަ އަހަރާ އަޅައި ބަލާއިރު 19 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 717 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ. އެއާއެކު ޖުމުލަ ފައިދާ އޭގެ ކުރީ ކުއާޓާއާއި އަޅާ ބަލައި އިރު އަށް ޕަސެންޓް އިތުރުވެ ޖުމުލަ ފައިދާގެ ގޮތުގައި ވަނީ 637 މިލިއަން ރުފިޔާ ލިބިފަ އެވެ.