ފެބްރުއަރީ 2, 2025

ރާއްޖޭގެ އުތުރުން ދެކުނަށް ޑައިވްކޮށްގެން ދުނިޔޭގެ އެންމެ ދިގު ޑައިވްގެ ރިކޯޑް ހަދަނީ

ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ފީނައިގެން ދުނިޔޭގެ އެންމެ ދިގު ”ސިންގަލް އޯޕަން ވޯޓާ ޑައިވް“ ހެދުމުގެ މަސައްކަތް ރާއްޖެއިން ފަށައިފި އެވެ.

“އެކްރޮސް މޯލްޑިވްސް ޑައިވް”ގެ ނަމުގައި އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކުރާ އެ ހަރަކާތް ކުރިއަަށް ގެންދަން ނިންމާފައިވަނީ ދެ ފިޔަވެއްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ޑައިވިން އިއްޔެ ވަނީ ފަށައިފަ އެވެ. އެ ފިޔަވަހި އިފުތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފާ ތަން ފެންނަމުންދާ ކަމަށާއި ސަރުކާރުން އެކަމާ އުފާކުރާ ކަމަށެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެފަދަ ކަންކަމަށް އަބަދުވެސް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ޑައިވް ކުރުމުގެ ހަރަކާތް ނިމިގެންދާއިރު ޓޫރިޒަމުން ރާއްޖެ ތައާރަފުނުވާ އެތައް ބަޔަކަށް ރާއްޖެ ތައާރަފުވެ، އެނގޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

އޯޝަން ސިކްސް ފިފްޓީން ބުނީ ފުރަތަމަ ރެކޯޑު އަންނަ ބުދަ ދުވަހު ހަދާނެ ކަމަށެވެ. އެއީ ހުޅުމާލެ އާއި ހުޅެލެ ވަށައިގެން 17 ކިލޯމީޓަރު ފީނައިގެން ހަދާ ރެކޯޑެކެވެ.

ދެވަނަ ރެކޯޑު ހެދުމަށް ނިންމާފައިވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފީނައިގެންނެވެ. އެއީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމަށް ފީނައިގެންނެވެ. ޖުމުލަ 460 ކިލޯ މީޓަރު ޑައިވް ކުރާއިރު އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށް ވާނެ ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.