މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހެވެ. ދުނިޔޭގެ ތަފާސް ހިސާބަށް ބަލާއިރު އަހަރަކު ކެންސަރުގެ 17 މިލިއަނަށްވުރެ ގިނަ ކޭސް ރިޕޯޓްކުރެއެވެ.
އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ އަހަރު ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެ އެވެ.
މި ސަރުކާރުން ވަނީ ދުންފަތާ ދުރުކުރުމަށް ވޭޕް މަނާކޮށް، ސިނގިރޭޓު އަގުބޮޑުކޮށްފަ އެވެ.



