ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ހިލާފުވި 29 މީހެއް މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާވެފަ އެވެ. ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއެކު އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުންވެސް މިހާރު މަނަ އެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 15 އިން 31 އަށް ވޭޕް ބޭނުންކޮށްގެން 20 މައްސަލައެއްގައި ޖުމުލަ 17 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި 60،500 ރުފިޔާ ހޯދާފައިވެ އެވެ.
އަދި މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވޭޕް ބޭނުންކޮށްގެން 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށް، ޖުމުލަ 70،000 ރުފިޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ
ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާ ކަމެކެވެ.
އެފަދަ ތަކެތި އެތެރެކޮށްފި ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގުޅުންހުރި
މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހުމަކީ ކުޑަ ކުށަކަށްވާތީ މަންދީގެ ގަޔަށް ތެޔޮ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ
ސައިކަލަކާއި ޕޮލިސް ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް! ކުޑަކުއްޖާ ކާރު ދަށުނުވީ
ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން މީހަކު ހައްޔަރުކޮށްފި
ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހައްޔަރުކޮށްފި