ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ތައްޔާރުވުމަށް ޕީޖީ ގްރޫޕްގެ ’ވޯމް އަޕް‘ ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވެ، މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
އެކަމަކު އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަބްދުއްރަހީމް ހުންނެވީވެސް މާލޭގަ އެވެ. މިއީ ޕީޖީގެ ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވެޑައިނުގަންނަވައި ދޫކޮށްލެއްވި ފުރަތަމަ ފަހަރެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ކުރިން އޮތް ގާތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ގޮތުން ރިޔާސީ ބަޔާން އިއްވަވަން މާދަމާ ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ.



