އޭޕްރިލް 14, 2025

މުސްލިމުންނާމެދު ދޮގު ވާހަކަދެއްކުމާއި ދޮގު ފެތުރުން މާތް ﷲ ވަނީ މަނާކުރައްވައިފަ އެވެ.

މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަ ފެތުރުމަކީ މާތް الله މަނާކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”މުސްލިމް އަހާއަށް ހެޔޮކޮށްހިތުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމްދީނަކީ އުހުއްވަތްތެރިކަމާއި އޯގާތެރިކަމާއި ރަހުމާއި ހަމްދަރުދީގެ ދީން ކަމަށާއި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބެމުންދިޔައީ އެބައި މީހުންގެ ހިތުގައި އޮތް އީމާންކަމާއި އެބައިމީހުންގެ މެދުގައި އޮތް އަހުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށާއި އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުން ކަމަށެވެ.

އެހެންކަމުން ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ގައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ މި ދެންނެވި ސަބަބުތަކާ ހުރެ ކަމަށް ހުތުބާގައި ބުންޏެވެ.

އެއްބައިވަންތަކަމާއި އަހުވަންތަކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރެއްވިކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެކަކު އަނެކަކަށް މަލާމާތްކުރުމާއި ފުރައްސާރަކުރުން އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރުން މާތް ﷲ މަނާކުރައްވާފައިވާ ކަމަށެވެ. އަދި ހައްގަކާ ނުލައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލުން ވެސް މަނާކުރައްވާފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމަށާއި ބައިބައިވުމަށް ފުރުސަތުދޭ އުންމަތެއް ނޫން ކަމަށެވެ. އަދި އެބައިމީހުންގެ މިސާލަކީ އެއް ބިނާއެއްގެ މިސާލު ކަމަށާއި އެ އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމީ اللهގެ ހަޒުރަތުގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެއް ކަމަށްވެސް ބުންޏެވެ.

ކީރިތި ރަސޫލާ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”ހަމަކަށަވަރުން ގިޔާމަތް ދުވަހު މާތް الله ވަހީކުރައްވާނެތެވެ. ތިމަން اللهއަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުން ކޮބައި ހެއްޔެވެ؟ ތިމަން الله ލައްވަވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ މި ދުވަހު އެބައިމީހުންނަށް ތިމަން الله ހިޔާވަހިކަން ދެއްވާހުށީމެވެ.“