ރާއްޖޭގެ އިގުތިސޯދު ވަނީ ފުނޑިފައި ކަމަށާއި ސަރުކާރަށް މިދިޔަ އަހަރު ނުވި ކަމެއް މިއަހަރު ވެސް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިއްޔެ ރިޔާސީ ބަޔާން އިއްވިއިރު އެ ބަޔާނުގައި ކުރަން ވިދާޅުވި ކަންކަމުގެ ތެރެއިން މިހާތަނަށް ކޮށްދެވުނު ކަންކަން ވިދާޅުނުވާ ކަމަށެވެ. އެގޮތުން ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ފުރަތަމަ އަހަރު ވިއްސަކަށް ރިސޯޓު ހުޅުވައި ވަޒީފާތައް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެއިން އެއްވެސް ކަމެއް އަދި ހާސިލުވެފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރިސޯޓެއް ހުޅުވަމަކީ ”ކަންމަތީ ކުޑަ ފިހާރަގަނޑެއް“ ހުޅުވުން ފަދަ ކަމެއް ނޫން ކަމަށާއި ރިސޯޓެއް ހުޅުވަން ބޭނުންވާ ބޭރު ފައިސާ ރާއްޖެއިން މިހާރު ލިބެން ނެތް ކަމަށެވެ. އަދި ބޭރުގެ ގައުމުތަކާއި ބޭންކްތަކުންވެސް މިހާރު ރާއްޖެއަށް ލޯނު ދޭން ބޭނުންނުވާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
”ރާއްޖޭގެ އިގުތިސާދު މި އޮތީ ފުނޑިގައި. ބޭރުގެ އިންވެސްޓްމަންޓެއް މި ތަނަކަށް އަންނާކަށް ބޭނުމެއް ނުވޭ، އެ ހިސާބަށް ދިޔައީމާ މިދިޔަ އަހަރު ނުވި ކަމެއް މި އަހަރު ވާންޖެހޭ އެއްވެސް ޕޮޒިޓިވް ކަމެއް އަޅުގަނޑުމެންގެ ބަޖެޓުން ފެންނާކަށް ނެތް،“ ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އެއްވެސް ކަހަލަ އުންމީދެއް ލިބެން ނެތްކަން ފާހަގަކޮށް ޔާމީން ވިދާޅުވީ، މިދިޔަ އަހަރަށް ފާސްކުރި 55 ބިލިއަން ހުސްވިއިރު އެއްވެސް ކަމެއް ސަރުކާރުން ރައްޔިތުންނަށް ނުކޮށްދޭ ކަމަށެވެ.
”މިހާރު މި ދައްކަނީ ހަމަ އެވަރުގެ ބަޖެޓެއް ހިފައިގެން އައިސް އެތައް ކަމެއް ކޮށްދޭ ވާހަކަ. ބުނާއިރު، ދައުލަތުގެ ބަޖެޓުގައި ނެތޭ ހިމަނާފައި އެއްވެސް ރަށަކަށް އެއްވެސް ރައްޔިތަކަށް ކޮށްދޭނެ ޕީއެސްއައިޕީގެ ބޮޑު އެއްވެސް ކަމެއް. މިހާރު މި އޮތީ ހަމަ ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކޮށްދޭން،“ ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން މިދިޔަ އަހަރު ދެއްކި އިގުތިސާދީ ވާހަކަތަކާއި އުމްރާނީ ތަރައްގީގެ ވައުދުތައް ރައްޔިތުން ހަނދާން ނައްތާލަންވީތޯވެސް ޔާމީން ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ
ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި
މިއަންނަ މަހުން ފެށިގެން ކަރަންޓުގެ އަގު ކުޑަކުރަން ރައީސް ނިންމަވައިފި
ސައުދީގެ ”ޕްރިންސް“ އާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން
އިމްރާންގެ ބޮޑު ތުހުމަތެއް: ޓެގު އަޅުވާފައި ދޫކޮށްލަނީ ރައީސްގެ ތިމާގެ ބޭފުޅުންނާއި