ސަރުކާރު މުވައްޒަފުންނަށް މި މަހުގެ 20 ވަނަ ދުވަހު ރޯދަ އިނާޔަތް ދޭން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ މި މަހުގެ 20 ވަނަ ދުވަހު ސަރުކާރު މުވައްޒަފުންނަށ ރޯދަ އިނާޔަތް ދިނުމަށް ހަމަޖެހިފައިވާތީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ޕަބްލިކް އެކައުންޓް ސިސްޓަމަށް އަޕްލޯޑް ކުރަންޖެހޭނެ ކަމަށެވެ.
ސަރުކާރު މުވައްޒަފުންގެ ތެރެއިން އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ދޭނީ އަސާސީ ވަަޒީފާ އަދާކުރާ އޮފީހުން އެކަނި ކަމަށް ފިނޭންސުން ބުންޏެވެ. އަދި ރޯދަމަސް ފެށޭއިރު، ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.
ނަމަވެސް ޕޭ ލީވް އާއި ނޯޕޭގައި ހުރި މުވައްޒަފަކު ރޯދަމަހު ވަޒީފާ އަށް އެނބުރި އަތުވެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ އިނާޔަތް ހިސާބު ކުރުމަށް ފަހު، ބާކީ އޮތް މުއްދަތަށް އިނާޔަތް ދޭންވާނެ ކަމަށް ފިނޭންސުން ބުންޏެވެ.
ދައުލަތުގެ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ވެސް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަމަސް ފެށުމުގެ ކުރިން ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.



