ފެބްރުއަރީ 23, 2025

ޑރ. ޒިޔާދުގެ ގަލަމުން: ޝައުބާން މަހަކީ ހެޔޮ އަމަލު ކުރުމާއި މާތްކަން ލިބިގަތުމުގެ ފުރުސަތެކެވެ.

އަޅުގަޑުމެން ދުނިޔޭގަ އުޅުމުގެ ބޭނުމަކީ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. ދުނިޔޭގަ އުޅެމުންދާއިރު ފުރިހަމަ ގޮތުގައި އަޅުކަން ނުކުރެވި ފާފަތަކަށް އަރައިގަނެވިދެއެވެ. ފާފަތަކުންދުރުވެތައުބަވެ ހެޔޮޢަލުކުރުމަށް މާތް ﷲގެ ރަޙްމަތާ އެކު އަޅުގަޑުމެންނަށް ފުރުޞަތު ތަކެއްދެއްވައެވެ. އެގޮތުގެމަތިން ޝަޢްބާން މަހަކީ، ހެޔޮޢަމަލް ކުރުމާ މާތްކަން ލިބިގަތުމުގެ ފުރުޞަތަކެވެ. އެއީ ބަރަކާތް ތެރިމައްސަރެކެވެ. ޣާފިލުކަމުން ތެދުވެ ތިމާގެ ޙަޔާތް ބަދަލް ކޮށްލުމަށާ، ދޭދޭ ފަރުދުންނާ ޢާއިލީ ގުޅުންތަށް ރަގަޅު ކުރުމަށް ލިބޭފުރުޞަތަކެވެ. މީގެ އިތުރުން ޝަޢްބާންމަހަކީ،އެތަށްގޮތަކުން އިސްލާމްދީނުގެ ކަންތައްތަކާ ވަރަށް ބޮޑެތި ގުޅުންތަކެއް ގުޅިފައިވާމަހެކެވެ.

المسجد الأقصى އިން المسجد الحرام (كعبة الله) ގެފުޅަށް ކުރިމަތިލެއްވުމުގެބަސްފުޅު، ވަޙީބަސްފުޅު ބަވާލެއްވުނީ ޝަޢްބާން މަހުގެ ތެރޭގައެވެ. ރަމަޟާންމަހުގެ ފަރްޟުރޯދަ ފަރްޟް ކުރެއްވުނީވެސް ޝަޢްބާން މަހުގެ ތެރޭގައެވެ. މިއިން ކޮންމެކަމަކީވެސް އިސްލާމީ އުންމަތް ބިނަވެގެން ދިޔަ ދުވަސްވަރު، ބިނާވެގެން ދިޔަ މުހިންމު ބިންގާތަކަކެވެ.މިއީ އިސްލާމީ މުޖްތަމަޢް އާގުޅޭގޮތުން ހިގާފައިވާ ވަރަށް މުހިންމުޙާދިސާ ތަކެވެ. އެހެންކަމުން އަޅުގަޑުމެންގެ ހިތުގައި ޝަޢްބާން މަހާމެދު ޚާއްޞަ ޤަދަރެއް ދޭން ޖެހެއެވެ.

ޣާފިލުކަމުން ތެދުވެ ރަމަޟާން މަހަށް ތަޔާރު ވުމަކީވެސް ޝަޢްބާން މަހު ކުރަން ޖެހޭނެ ކަމެކެވެ.

ޝަޢްބާން މަހުން ބައެއް ދުވަހު ރޯދަހިފުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ރޯދަހިފުމަށް ތިމާފަރިތަވެ، އެކަމަށް ހޭނިގަތުމުގެގޮތުން ކުރަން އޮތްކަމެކެވެ. ރަމަޟާން މަހުގެ ފަރްޟު ރޯދަ ހިފުމަށް ހޭނި ފަރިތަވުމުގެ ގޮތުންނެވެ. ފަރުޟު ނަމާދުގެ ކުރިންނާ ފަހުން ސުންނަތް ކުރުމަށް ލިބޭފަދައިން ރަމަޟާން މަހުގެ ކުރިންނާ ރޯދަހިފަން ލިބޭ ފުރުޞަތެކެވެ. ރަމަޟާން މަހުގެ ފަހުން އަދާކުރާ ސުންނަތް ރޯދައަކީ ޝައްވާލް މަހުގެ ހަރޯދައެވެ.

عن أسامةَ بنِ زيدٍ رضي الله عنه قال: قلت: يا رسولَ اللهِ! لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ؟ قال: « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُبَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ»[رواه أحمد والنسائي].

حسنه الألباني في صحيح النسائي 2221.

މާތް ﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ ޝަޢްބާން މަސް ފިޔަވާ އެހެން މައްސަރެއްގައި ކަލޭގެފާނު އެހާ ގިނައިން ރޯދަ ހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުއެވެ އިތުރު އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ. ”އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ.“

ކީރިތި ރަސޫލާގެ ޙަދީޘް ފުޅުތަކަށް ވިސްނާއިރު ފެންނަން އޮތީ ޝަޢްބާން މަހު އެކަލޭގެފާނު ގިނައިން ރޯދަހިއްޕަކަން ޘާބިތު ވެއެވެ. ބައެއްރިވާޔަތް ތަކުގައި މަދުދުވަހެއްގަ މެނުވީ ޝަޢްބާން މަހު ރޯދަފުޅަށް ހުންނާވާކަމުގައި ވިއެވެ.މުޅިޝަޢްބާން މަހު އެމާތް ނަބިއްޔާ ރޯދަ ފުޅަށް ހުންނަވާކަމުގައި ރިވާޔަތް ތަކުން ޘާބިތުވެއެވެ.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ صَامَ يَوْماً فِي سَبِيلِ اللَّهِ بَعَّدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا .

މާތް ﷲ ރުއްސުންލެއްވި އަބީސަޢީދު އަލް ޚުދްރީ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ”މާތް ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފައި މީހަކުު ހަތްދިހަ ހާސް އަހަރުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ“. ވީމާ، މި ރަނުގެ ފުރުޞަތު ނަންގަވާ ނުލައްވާށެވެ.

ޝަޢްބާން މަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ.އެހެންކަމުން ގިނަވަގުތު ހެޔޮ ޢަމަލު ކުރުމުގަ ދެމިތިބެންޖެހެއެވެ. ޝަޢްބާން މަހަކީ މީސްތަކުންނަށް މަޢާފު ކޮށްދިނުމާ، ރަހިމުގެ ގުޅުން ބަދަހިކުރުމާ، އެކުވެރިކަން އާލާކުރުމާ، އެކަކު އަނެކަކާ ހިތް ސާފުކުރަންވީމައްސަރެވެ.

عن أبو موسى الأشعري رضي الله عنه قال:قال: رسول الله صلى الله عليه وسلم ”إنَّ اللهَ تعالى لَيَطَّلِعُ في ليلةِ النِّصْفِ مِن شَعْبانَ فيَغفِرُ لجميعِ خَلْقِه، إلَّا لمُشرِكٍ أو مُشاحِنٍ.“ ابن ماجه

މާތް ﷲ ރުއްސުންލެއްވި އަބޫ މޫސާ އަލް އަޝްއަރީ އަރިހުން ރިވާ ވެގެންވޭ، މާތް رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”ޝަޢުބާން މަސް ދެބައިވާ ރޭގައި، މާތް ﷲ މީސްތަކުންގެ މައްޗަށް ބައްލަވައި ވޮޑިގަންނަވައެވެ. އަދި ޝަރީކު ކުރާ މީހާއާއި، ރުޅިވެރިކަމުގައި ގުޅުން ކަނޑާ މީހާފިޔަވައި، ހުރިހާ ޚަލްޤުތަކުންގެ ފާފަ ފުއްސަވައި ދެއްވައެވެ.“

އިސްވެދެންނެވުނު ޙަދީސް އަކީ ބަލިކަށި ޙަދީސެއް ކަމަށް ޢިލްމުވެރިންވިދާޅުވާއިރު، ރުޅިވެރިކަމާ ޙަސަދަވެރިކަމާ، މިސްތަކުންނާ ގުޅުން ކެޑުމަކީ ކުރާ ހެޔޮޢަމަލުތައް ދަރުމައާއި ޘަވާބު ލިބުމަށް ހުރަސް އެޅިދާނެ ކަމަކަށް ވެދާނެއެވެ.

عن أبي هريرة رضي الله عنه قال:قال: رسول الله صلى الله عليه وسلم : تُعْرَضُ الأَعْمَالُ في كلِّ اثْنَيْنِ وَخَميسٍ، فَيَغْفِرُ اللهُ لِكُلِّ امْرِئٍ لا يُشْرِكُ بالله شيئاً، إِلاَّ امْرَءاً كانت بينه وبين أخِيهِ شَحْنَاءُ، فيقول: اتْرُكُوا هذَيْنِ حتى يَصْطَلِحَا.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ އަރިހުން ރިވާވެގެންވޭ ،މާތް رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު ﷲ ގެޙަޟްރަތައް ޢަމަލުތައް އުފުއްލަވައެވެ. އަދި ހުރިހާ އަޅުންގެ ފާފަ ފުއްސަވާ ދެއްވައެވެ. މާތްالله އަށް ޝަރީކު ކުރާ މީހާ އާއި، އޭނާއާއި އޭނާގެ އަޚާއާ ދެމެދު ޢަދާވާތް ތެރިކަމާ ޙަސަދަވެރިކަން އޮންނަދެމީހަކު ފިޔަވައެވެ. މިދެމީހުން ސުލްހަވާންދެން މިދެމީހުންގެ ޢަމަލުތައް ނޫފުއްލަވައެވެ.“

ޝަޢުބާން މަހުގެ ފަނަރައިގެ ފަހުން ރޯދަ ނުހިފުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްވެއެވެ. ބައެއް ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި އެޙަދީޘް ޞައްޙައެއް ނޫނެވެ. އަދި އެ ޙަދީޘަށްފުޅަށްވުރެ ޞައްޙަކަން ބޮޑު އެހެން ބަސްފުޅެއްގައިވެއެވެ.

އެދުވަސްތަކުގެ ރޯދަ ހިފުމަށް ޞައްޙަޙަދީޘްފުޅުގައި ވަނީ ހުއްދަ ދެއްވާފައެވެ. އަދި ގިނަ ދަންނަބޭކަލުން ވިދާޅުވާގޮތުން ހޯމަ ބުރާސްފަތީ ގައި ސުންނަތް ރޯދަ ހިފުމަށް އާދަވެފައިވާ މީހުންނާއި ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ޤަޟާ ކުރަން ޖެހޭ މީހުންނަށް ރޯދަ ހިފިދާނެ ކަމެވެ. ޝަޢުބާން މަހުގެ ފަނަރައިގައި ކުރުމަށް ވަކިން ޚާއްޟަ އަޅުކަމެއް ސާބިތު ވެފައެއް ނުވެއެވެ.

މީގެ އިތުރުން ޝަޢުބާން މަސްތެރޭގައި އަންނަ ޝައްކު ދުވަހު ރޯދަހިފުން ވަނީ ނަހީ ކުރައްވާފައެވެ.ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހު ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ސާބިތު ނުވެއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ.

عن عمار بن ياسر رضي الله عنه قال: مَنْ صَامَ يَوْمَ الشَّكِّ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللهُ عَلَيْهِ وَسَلَّمَ.

رواه البخاري في صحيحه

މާނައީ: ޢަންމާރު ބުން ޔާސިރު رضي الله عنه ވިދާޅުވިއެވެ.

”ޝައްކުގެ ދުވަހު ރޯދަ ހިފައިފި މީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާ އަބުލް ޤާސިމު صلى الله عليه وسلم އަށް (އެބަހީ: ނަބިއްޔާ صلى الله عليه وسلم އަށް) އުރެދިއްޖެއެވެ.“

އަދި ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ހިފުން ނަހީކޮށްފައިވާ ޙަދީޘްތަކުން މިކަމަށް ބާރު ލިބެއެވެ