ފެބްރުއަރީ 22, 2025

ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރަން ސިފައިންގެ ވެލްފެއާ ކުންފުންޏާއެކު އެއްބަސްވުމަކަށް

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ސިވެކްގެ ފަރާތުން އެ އެއްބަސްވުމުގައި ސިވެކްގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބައިރެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުން ވަނީ މިފަހުން ހިނގައިދިޔަ ބައެއް ކަންކަމުގައި ރެސްކިއު އޮޕަރޭޝަންތައް ހިންގާފައި ކަމަށާއި އެގޮތުން މޫދަށް ވެއްޓުނު މީހަކު ސްޓެލްކޯގެ މުވައްޒަފަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން ވަން މީހަކާ ވެސް ސްޓެލްކޯގެ މުވައްޒަފުން ވަނީ ކުރިމަތިލައިފައި ކަމަށް ފަހުމީ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބަލައިލިން މި ބޭފުޅުންނަކީ (މުވައްޒަފުން) މި ޓްރޭނިން ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގައި މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލި އިރުގައި ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެން މި ހިންގި ލީޑާޝިޕް ޓްރެއިނިން ޕްރޮގްރާމްގައި އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފައި ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައި ވެސް، އަދި ގައުމަށް ހިދުމަތްކޮށްދިނުމުގައި ވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގައިވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް،“ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ހުސައިން ފަރުހާދު ވިދާޅުވީ، ސްޓެލްކޯގެ އަމާޒަކީ އިހުލާސްތެރި، ވަފާތެރި، ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާއި އަޒުމާއެކު، އެކުވެރިކަމާއެކު، ސްޓެލްކޯގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ޓީމެއް ބިނާކުރުން ކަމަށެވެ.

ސްޓެލްކޯ އިން ބުނީ އެމްއެންޑީއެފްގެ އެހީގައި ކުރިއަށްދާ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ތެރެއިން 668 މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.

ސިވެކްއާއެކު މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އަމާޒަކީ މިއަހަރު ތެރޭގައި ހުރިހާ މުވައްޒަފުން ތަމްރީނުކޮށް ނިންމާލުން ކަމަށެވެ. އެގޮތުން މުވައްޒަފުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ ބޭސިކް ފަސްޓް އެއިޑް، ފަޔާ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން، ސުވިމިންގް އެންޑް ރެސްކިއު އަދި ލައިފް ކޯޗިންގެ ދާއިރާއިން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މީގެ އިތުރުން ފަޔާ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ގާއިމުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މުވައްޒަފުންނަށް ތަމްރީނުދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.