މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުޅެން ހުއްޓައި މަރުވެއްޖެ

މާފުށި ޖަލު ---

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ނައިޖީރިއާގެ މީހެއް ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މިއަދު ހަވީރު ޔާޑުގައި އެހެން މީހުންނާއެކު ކުޅެން ހުއްޓައި ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، ހަތަރު މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. ނަމަވެސް 5:20 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައެޅި ކަމަށްވެސް ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ މީނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫން ކަމަށެވެ.