ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ތަރައްގީ ކުރެއްވި ރަސްފަންނަށް މިއަދު ރައީސްގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ. ރަސްފަންނަށް ވަޑައިގަތުމަށްފަހު އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކު ވީރާނަވަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. އެ ދެ ތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެވެސް ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން“ ރައީސް ވިދާޅުވި އެވެ.
ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން ސިޓީ ކައުންސިލުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ 2016 ވަނަ އަހަރު ހުޅުވި ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާންކޮށްފައިވާ ކަމަށެވެ. ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފައި ކަމަށެވެ. އަދި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ސިޓީ ކައުންސިލުން ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
”ރަސްފަންނާއި ސަލްޓަން ޕާކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ މާލޭ ސިޓީ ކައުންސިލުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފަ“ ސިޓީ ކައުންސިލުން ބުންޏެވެ.
ސަލްޓަނބް ޕާކަކީ ހުޅުވުނު ފަހުން އެއްވެސް ވަރަކަށް މަރާމާތު ކޮށްފައިވާ ތަނެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ސަލްޓަން ޕާކުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓާ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެކަން އަންގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސާޅީސް މިލިއަން ރުފިޔާ ހަަރަދުކޮށްގެން ހެދި ރަސްފަންނު ހުޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެތަނުގެ ބޮޑު މަސައްކަތެއް ކުރީ އެމްއެންޑީއެފުންނެވެ.
ސަލްޓަން ޕާކުގެ ރީތިކަން އަނބުރާ ގެނެސްދޭން ސަރުކާރުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އިރު، މާލެ ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބުނާ ގޮތުން ސަލްޓަން ޕާކު ތަރައްގީކޮށް ހުޅުވި ފަހުން އެއްވެސް މަރާމާތެއް އެތަނުގައި ކޮށްފައެއް ނެތެވެ.
އެހެންވެ ޕާކުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވާން ފަށާފައިވާއިރު އެ ތަނުގެ އެސެސްމެންޓެއް ކައުންސިލުން ހަދާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ޕާކު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.


ގުޅުންހުރި
ލ. ގަމުގެ އިހުތިސާސްގައި އެއަތޮޅު ބޮޑުފިނޮޅު ހިމެނުމަށް ރައީސް ނިންމަވައިފައިފި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރުހުން ހޯދަނީ
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި
ރައީސް މުއިއްޒުގެ، ނަމުގައި ކްރިޕްޓޯ ސްކޭމެއް ހިންގަނީ