ސަރުކާރުން ޓެކްސީ ހިދުމަތަށް ދޭން ފެށުމުން 10،000 މީހުންނަށް ނޭދެވޭ އަސަރު ކުރާނެ!

ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ވަދެ، އެ ހިދުމަތް ދޭން ފެށުމުން 10،000 މީހުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް އަވަސް އެޕުން ބުނެފި އެވެ.

ސަރުކާރުން ވަނީ ޓެކްސީ ލައިން ގާއިމުކުރުމުގެ މަސައްކަތް މިދިޔަ ހަފުތާ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި ޓެކްސީ ލައިނަކީ އިލެކްޓްރިކް ވެހިކަލް ހިމެނޭ އީވީ ޓެކްސީގެ ހިދުމަތެކެވެ.

ޓެކްސީގެ ހިދުމަތް ސަރުކާރުގެ ފަރާތުން ދިނުމަށް މަސައްކަތް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އަވަސް އެޕުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ފަށަން އުޅޭ ޓެކްސީ ހިދުމަތުގެ ސަބަބުން މިހާރު ޓެކްސީކުރާ އަމިއްލަ ޑްރައިވަރުންނަށާއި ކާރު ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ދާއިރާގެ ހަމަހަމަ ވާދަވެރިކަން ގެއްލިގެންދާނެ ކަމަށް އަވަސް އެޕުން ބުންޏެވެ.

”މި ނިންމުމުގެ ސަބަބުން މި ދާއިރާގައި ރަޖިސްޓްރީވެ އާމްދަނީ ލިބެމުން ގެންދާ 10،000 އަށްވުރެ ގިނަ ފަރާތްތަކަށް ސީދާ ނޭދެވޭ އަސަރުކޮށް އެ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަނެވޭކަން ފާހަގަކުރަމެވެ“ އަވަސް އެޕުން ބުންޏެވެ.

އަވަސް އެޕުން ބުނީ ޓެކްސީ ލައިން ފެށުމުގެ ކުރިން ޓެކްސީ އެސޯސިއޭޝަނާ މަޝްވަރާ ކުރާނެ ކަމަށް ބުނި ނަަމަވެސް އެފަދަ މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.

ބައެއް ޓެކްސީ ޑްރައިވަރުން ބައެއް ދަތުރުތައް ނުކުރާކަމުގެ ޝަކުވާއާ ގުޅިގެން އަވަސް އެޕުން ބުނީ އެކަމުގެ އަސްލު ސަބަބު ދެނެގަތުމަށް ސަރުކާރުން މަސައްކަތްކޮށްފައިނުވާ ކަމަށެވެ. މާލޭގެ މަގުތަކުގެ ހާލަތަށް ރިއާޔަތް ކުރުމެއްނެތި ޑްރައިވަރުންނާ ހިދުމަތްދޭ ފަރާތްތަކުގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކަމަށް އަވަސް އެޕުން ބުންޏެވެ.

އަދި ބުނީ މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހިފައިވާއިރު ވަކި ފަރާތްތަކަކަށް ދައުލަތުގެ ބިންތަކުގައި ނުހަނު ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީކުރަން ފުރުސަތު ދީ، އާންމުންނަށް ވެހިކަލް ރަޖިސްޓްރީކުރުމުގެ ފުރުސަތު ސަރުކާރުން ބަންދުކޮށްފައިވާ ކަމަށެވެ.

”އަހަރުތަކެއްވަންދެން ކުރެވުނު މަސައްކަތުން ބިނާކުރެވުނު މި ދާއިރާއަށް އަމާޒުކޮށް އެޅެމުންދާ އިންސާފުވެރިނޫން ފިޔަވަޅުތަކާ ދެކޮޅަށް އިންސާފަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. މިނިވަން ޓެކްސީ ޑްރައިވަރުގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މި ކުންފުނިން އަޅާނެކަން ކަށަވަރުކޮށްދެމެވެ،“ އަވަސް އެޕުން ބުންޏެވެ.