ފެބްރުއަރީ 21, 2025

އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް ހަދަނީ

ރާއްޖެ އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އެގޮތަށް ނިންމެވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މިނިސްޓަރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ރައީސް އޮފީހުން ބުނީ، އާސަންދައިން ބޭސްހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށްގެންނަންޖެހޭ 11 ބަދަލެއް ރައީސް ކަނޑައެޅުއްވި ކަމަށެވެ.

އެގޮތުން ރައީސް ކަނޑައެޅުއްވި ކަންކަން:

1. ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން
2. ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުން.
3. އެސްޓީއޯ އިން ލިބެން ހުރި ބޭސް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
4. މި ބަދަލަށް (ޕޮއިންޓް 4 އަދި 5) ޑޮކްޓަރުން އަހުލުވެރިކުރުވުން.
5. އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
6. އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ އެމްއެފްޑީއޭގެ އުސޫލުތަކުގެ ތެރެއިން އެސްޓީއޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން، އެސްޓީއޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން.
7. މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ 4 ޖީ.ޕީ ކްލިނިކުން އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
8. ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި ފޮރިން މިނިސްޓްރީގެ ދައުރު ފުޅާކުރުން.
9. ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ހެލްތް މިނިސްޓްރީން ހުށަހެޅުމުން، އެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ހައްލުކުރުން.
10. އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސްޓީއޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
11. ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.